ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު 10،000 އާ ގާތް ކުރާނެއެވެ. ބޮޑު އާބާދީއެއް އޮތް އެ ސަރަހައްދުގެ ރައްޔިތުން ފެށުނީއްސުރެ ވެސް ކުރަމުން އަންނަ ޝަކުވާއަކީ އަސާސީ ހިދުމަތްތައް ފުރިހަމަވެފައި ނެތް ކަމުގެ ޝަކުވާއެވެ.
އެންމެ ފުރަތަމަ މީހުން ފްލެޓުތަކުގައި ދިރިއުޅެން ފެށިއިރު، ފިހާރައެއް ވެސް ނެތެވެ. ކެފޭ، ރެސްޓޯރަންޓެއް ވެސް ނެތެވެ. ސްކޫލެއް، ހޮސްޕިޓަލެއްހާ ހިސާބު ވެސް އެ ސަރަހައްދުގައި ނެތެވެ.
ފިހާރަ، ކެފޭ، ރެސްޓޯރަންޓު ފަދަ ތަންތަން ނެތުމުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ރައްޔިތުން އަމިއްލަ އަށް ގާޑިޔާ ހަދައި އެތަނުގައި ވިޔަފާރި ކުރަން ފެށިއެވެ. އެ ގާޑިޔާތަކުން މޭވާގެ އެކި ބާވަތްތަކުން ފެށިގެން އެކި ވައްތަރުގެ ބުއިމުގެ ބާވަތްތައް ވެސް ލިބެއެވެ
ނަމަވެސް އެތަންތަނުގެ ކާބޯތަކެތި ގެންގުޅޭ ތަންތަނުގެ ސާފު ތާހިރުކަމަށް ނުފެތޭތީވެ އެތަންތަން ނެގުމަށް އެޗްޑީސީން ވަނީ އަންގައިފައެވެ.
ގާޑިޔާތައް ހުރީ އެންމެ ޒަމާނީ ފެންވަރަށް!
ހިޔާ ފްލެޓުތައް ތިރީގައި އެންމެ ފުރަތަމަ މީހުން ވިޔަފާރި ކުރީ އާދައިގެ ގޮނޑި އާއި މޭޒު ބަހައްޓައިގެންނެވެ. ހެދިކާ އާއި އެ ނޫން ވެސް އެކިއެކި ބާވަތްތަކުގެ ކާ އެއްޗެއް އެމީހުން ދިޔައީ ވިއްކަމުންނެވެ. އަދި ބައެއް ތަންތަން މިހާރު ވަނީ އެންމެ ޒަމާނީ ފެންވަރަށް ބަދަލުކޮށްލައިފައެވެ.
އެތަންތަން ހިންގަނީ "ގާޑިޔާ ސްޓައިލް" އަށް މޭޒާއި ގޮނޑިތަކާ ވެސް އެކުގައެވެ. މިއީ މީގެކުރިން މާލޭގެ ބޮޑުތަކުރުފާނު މަގުން (މާފަންނު ސްޓޭޑިއަމް ކައިރި) ފެނުނު މަންޒަރެކެވެ. އޭރުގައި އެ މަގުގައި ފުލުފުލުގައި އޮންނާނީ ގާޑިޔާތަކެވެ. ޕޭވްމަންޓު މަތީގައި ހުންނާނީ ގޮނޑި އާއި މޭޒު ޖަހައިފައެވެ.
ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ބުނާ ގޮތުގައި މިހާރު ހިޔާ ފްލެޓުތައް ކައިރިން ވެސް ފެންނަނީ ހަމަ ދާދި މިކަހަލަ މަންޒަރެކެވެ. ގާޑިޔަލަކުން ލިބޭނެ ހުރިހާ އެއްޗެއް ވިއްކަން ހުރެއެވެ. އެ ތަންތަނުން ހިދުމަތް ހޯދާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ދިވެހިން ވެސް އެތަނަށް ހިދުމަތް ހޯދަން ގޮސް އުޅެއެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ގާޑިޔާތައް ބަހައްޓާފައި ހުންނަނީ ދަނބު ކުލަ އާއި ނޫ ކުލައި ފްލެޓްތައް ދެމެދުގައެވެ. އެ ސަރަހައްދުގައި އަށް ވަރަކަށް ގާޑިޔާ ވަނީ ބަހައްޓައިފައެވެ.
އެތަނުގައި ގާޑިޔާ ހިންގާ މީހަކު ބުނި ގޮތުގައި އެ މަސައްކަތް އޭނާ ފެށީ ހިޔާ ސަރަހައްދުގައި އެއްވެސް ހިދުމަތެއް އޭރު ނެތީމަ ރަށްޔިތުންނަށް ހިދުމަތެއް ދިނުމުގެ މަގްސަދުގައި ކަމަށެވެ. އެގޮތުން މިހާރު އެ ގާޑިޔާ ހިންގާތާ ދެ މަސް ވެދާނެ ކަމަށް ވެސް އެމީހާ ބުންޏެވެ.
ރޯދަ މަހުގެ ރޭގަނޑު ގަޑީގައި އެކަނިވެސް 150 ކަސްޓަމަރުން އެތަނުން ހިދުމަތް ހޯދާ ކަމަށް އޭނާ ބުންޏެވެ.
" ކޮންމެ ރެޔަކު ގާތްގަނޑައަކަށް 1200ރ. ލިބޭ ފައިދާގެ ގޮތުގައި. މިތަނަށް ވަރަށް ގިނަ މީހުން އާދޭ. އަސްލު ރައްޔިތުން ވެސް ވަރަށް ހިތްހަމަޖެހޭ މި ހިދުމަތް މިތަނުން ލިބޭތީ." އެމީހާ ކިޔައި ދިނެވެ.
ހަމަ އެ ސަރަހައްދުގައި ގާޑިޔާއެއް ހިންގާ އިތުރު މީހަކު ބުނި ގޮތުގައި ގާޑިޔާ އެޗްޑީސީން ބުނާ ސާފުތާހިރު މިންގަނޑުތަކަށް ފެތޭނެއެވެ. އެހެން ކަމުން އެތަންތަން ނަގަން އަންގަނީ ކީއްވެގެންކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.
" އެޗްޑީސީ އިން އަޅުގަނޑުމެން ކައިރި އަށް ދާނެ ގާޑިޔާ ނަގާށޭ ކިޔާފައި. ނޯޓިސްއެއް ވެސް ވަކި ނުފޮނުވާ. ދެން ނޭނގެ ކީއްވެކަމެއް މިތަންތަން ނަގަން ބުނަނީ." އެމީހާ ބުންޏެވެ.
ކޮފީއެއް ބޯން ފޭސް އެކަކަށް ދާން ނުޖެހުމުން ރައްޔިތުން އުފަލުގައި!
ގާޑިޔާތައް ހުރުމުން އެކަމާ މެދު ނުރުހޭ ރައްޔިތުންނަށް ވުރެ ގިނައީ އެކަމާ މެދު ހިތްހަމަޖެހޭ މީހުންނެވެ.
"ވަގުތު" އާ ވާހަކަދެއްވި މީހަކު ބުނި ގޮތުގައި ގާޑިޔާތައް ހުރުމުން ފަސޭހަ ކަމަށެވެ. އެއީ ރޭގަނޑު ކޮފީއެއް ބޯލަށް ވެސް ގެކައިރިއަށް ނުކުމެވޭތީ ކަމަށް އޭނާ ބުންޏެވެ.
އިތުރު މީހަކު ބުނީ ގާޑިޔާތައް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ މި ސަރަހައްދުގައި އަދިވެސް ގިނަ އަސާސީ ހިދުމަތްތައް ނުލިބޭތީ އާއި އެކަހަލަ ހިދުމަތެއް ދޭނެ ތަނެއް ވެސް ނެތުމުން ކަމަށް އޭނާ ބުންޏެވެ.
ގާޑިޔާތަކާ އެއްކޮޅަށް ގިނަ ބަޔަކު ވާހަކަ ދެއްކި އިރު އެކަމާ ދެކޮޅު މީހުން ވެސް އެބަތިބިއެވެ. ހާއްސަކޮށް ބިދޭސީން އެތަންތަން ހިންގާތީ އެއީ ވެސް އެމީހުންގެ ކަންބޮޑުވުމެކެވެ.
ބައެއް މީހުން ބުނި ގޮތުގައި އެތަންތަނުގެ ހާލަތު ހުރި ގޮތުން ހިޔާ ސަރަހައްދުގައި ބަލިތައް ފެތުރުމަށް މަގުފަހިވެއެވެ. އެހެންކަމުން އެތަންތަން ނެގުން މުހިންމު ކަމަށް އެމީހުން ބުންޏެވެ.
އެޗްޑީސީން ބުނަނީ އެއީ މަނާކަމެއް ކަމަށް!
ހިޔާ ފްލެޓް ސަރަހައްދުގައި އަމިއްލައަށް ގާޑިޔާ ހަދައިގެން ހިދުމަތް ދިނުމާ މެދުގައި އެޗްޑީސީން ދެކޮޅެވެ. އެއީ ހުއްދައެއް ނެތި ކުރާ ކަމަކަށްވާތީ ކަމަށް ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
އަދި އެތަންތަނުގެ ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭތީ ޝަކުވާ ލިބެމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ މިދިޔަ މާޗް މަހުގައި އެ ގާޑިޔާތައް އެތަނުން ނެގުމަށް އަންގާފައެވެ. އަދި އެޗްޑީސީގެ އެންގުމަށް ތަބާނުވެ ގާޑިޔާތައް ނުގަނާ މީހުންގެ ތަންތަން ނެގުމުގެ މަސައްކަތް އެޗްޑީސީން ދަނީ ކުރަމުންނެވެ.
މާލޭ ސަރަހައްދުގައި މީގެ ކުރިން ވެސް ގާޑިޔާތައް ބަހައްޓައިގެން ހިދުމަތްދިން މަންޒަރު ފެނިގެން ދިޔައެވެ. ނަމަވެސް އޭރު ހިދުމަތް ދެމުން ދިޔަ ގޮތާއި މިހާރު ހުންނަ ގާޑިޔާތަކުން ދެމުން ގެންދާ ގޮތް ވަރަށް ތަފާތެވެ.
އެގޮތުން މިހާރު ހަދާފައި ހުންނަ ގާޑިޔާތައް ހުންނަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. އެކި ވައްތަރުގެ ލައިޓްތައް އެލުވާފައި ހުރެއެވެ.
އަދި ހިދުމަތް ހޯދަން އެތަނަށްދާ މީހުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް މޭޒާއި ގޮނޑިތައް ވެސް ބަހައްޓާފައި ހުރެއެވެ. އަދި ބައެއް ގާޑިޔާތަކުގައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކި ކުލައެއްގެ ހެދުމެއް ވެސް ލައިގެން ތިބޭ މަންޒަރު ފެނެއެވެ.
ހިޔާ ފްލެޓްތައް ކައިރީގައި ވެސް އެންމެ ފުރަތަމަ ގާޑިޔާތަކުން ހިދުމަތް ފެށީ ފިހާރައެއްގައި ހިދުމަތްދޭ އުސޫލުންނެވެ. ނަމަވެސް މިހާރު އެތަންތަނުގައި މަޑުކޮށްލައިގެން އިށީނދެ ކޮފީއެއް ބޯލަން، ބައި ގަޑިއިރު ނޫނީ އެއް ގަޑިއިރު ވެސް ތިބެންވީއެވެ.
ކޮން ޒަމާނީ ފެންވަރެއް ކިޔާކައް ރައްޔިތުންގެ ބިންތަކުގަ ތެކުސް ނުދައްކާ ވިޔަފާރި ކުރަނީ. ޒަމާނީއެއްވެސް ނޫން އިންޑިޔާގެ ކައްޕަޅި މާރުކެތުތައްހެން ތިތަންތަން ތި ހުރީ އަނެއްކަ ކުނިބުންޏާ އެއްޗެހި ތިހުރީ ތިތާ. ކާބޯތަކެތި ވިއްކަނީ ރެގިއުލޭޓު ނުކޮއް.އެތަކެތީގެ ސާފުތާހިރު ކަމާ ރައްކާތެރިކަން ކަށަވަރު ނުކޮށް. މީ ގާނޫނެއް ގަވައިދެއް ނުހިގާ ގަމާރުން އުޅޭ ގައުމެއްކަން އެންގެނީ.
އެއްވެސް ބިދޭސީ އެއް ފައިސާ އާ ހަވާލު ވާން ހުންނަން ފުރުސަތު ދީފިނަމަ އެތައް އެމީހުން ކޮންޓްރޯލް ކުރާނެ އެވެ. އެޗްޑީސީ އަށް މައްސަލަ އަކަށް ވަނީ އަގު ހެޔޮ ކޮށް ކޮފީ ވިއްކާ ތީ އެވެ.
އުޞޫލުތަކަށް ތަބާނުވުމުގެ ސަޤާފަތެއް އަށަގެންފައި މިވަނީ ނުރައްކާ މިންވަރަކަށެވެ. އުޞޫލުތަކަށާއި ކަމާއިބެހޭ ފަރާތްތަކުގެ އެންގުމަށް ތަބާ ނުވާނަމަ، މިހާރު ހަރުކަށިވެ ތިކަންތައް ނުހުއްޓުވައިފިނަމަ، ދާދިއަވަހަށް، ފޭސް 2 ގައި ތިމީހުން އަދި ގޯތި ކަނޑައި ޢިމާރާތްވެސް ކުރާނެ އެވެ.
މައްސަލައަކީ ގާޑިއާ ހެދުމެއްނޫނޭ ، ވިޔަފާރި ކުރުމަށްވެސް އުޞޫލުތަކެއްހުރޭ ، ހަމަ ރައްޔިތުން ޙިދުމަތް ދެޔޭ ކިޔާފަ ރަޖިސްޓްރީއެއްނެތި ، ތިބުމަކީ ހަމަހަމަ ކަމެއްނޫން ، އެހެން މީހުން އެއުޅެނީ 20ހާހުން ކުލިދައްކާގެން ހަމައެކަނި ކޮފީބޯން ތަންކޮޅެއް ހަދާގެން ، އަހަރީފީއާއި ދެންހުރިއެއްޗެއްވެސް ދައްކަންޖެހޭ ، ރަޖިސްޓްރީ ލިޔުން ފެންނަގޮތަށް ހުންނންޖެހޭ ، އެހެން މީހުން ހިޔާފްލެޓް ކައިރީ ތިގޮތަށް ހޮޓާ ވިޔަފާރިތައް ނުހަދާ ތިބީ ކަންނުކުރެވޭތީކީނޫނޭ ، ޤަވައިދަށް ބޯލަނބަތީ ، އެކަމަކު ބޮޑެތި ހިޔަލުގައި އުޅޭމީހުންނަކަށް ޤަވައިދެއް ޤާނޫނެއް ނޯންނާނެ
ކުއްކުރާމީހުން ރީތި ނަންނަމުގައި ހެޔޮ ނިޔަތުގައި ގާނުނާ ޚިލާފަށް ކުށްތައް ކުރަމުންދާއިރު މުއްސަސާތައް މިތިބެނީ ގުގުރި ދަމާފައި ނިދަން. މަހިތަށް އަރަނީ މި މުއްސަސާތަކަކީ ސިޔާސީގޮތުން ވަޒީފާދޭން ހަދާފައި ހުންނަ ތަންތަން ނޫންބާވައޭ.
މިނޫންނިއްޔާ އަދުލުއިންސާފުން ކަންކަން ބެލލި ފިޔަވަޅު އަޅާގައުމެއް ނޯންނާނެ. ކޮންމެ ސަރުކާރެއްގައިވެސް އެމީހަކުބޭނުންގޮތަކަށް އުޅެވޭނެ. ޚާއްސަކޮށް ބިދޭސީންނަށް.
ހަމަ މިހާރުން މިހާރަށް ނަގަން ޖެހޭ .