ކްލަބް އީގަލްސްގެ ޗެއާމަންގެ މަގާމަށް ސަރަނގު އާދަމް މަނިކު އިސްކޮށްފި އެވެ.

ސަރަނގު އާދަމް މަނިކު އީގަލްސްގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ޗެއާމަން އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ ކުރީގެ މެންބަރު ސަރަނގު އާދަމް މަނިކު ވަނީ މީގެ ކުރިން ވެސް އީގަލްސްގެ ޗެއާމަންކަން ކޮށްފަ އެވެ. އޭނާގެ ޗެއާމަންކަމުގެ ދަށުން އީގަލްސް އިން ހޯދި ނަތީޖާތަކުގެ ތެރޭގައި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން ފުރަތަމަ ޑިވިޝަނަށް ކްލަބް ޕްރޮމޯޓް ވުން ހިމެނެ އެވެ.

ކްލަބް އީގަލްސް އަކީ ފަހަކަށް އައިސް ރާއްޖޭގެ އެއްވަނަ ފަންތީގެ ފުޓްބޯޅައިގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޓީމެކެވެ. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ކުޅެމުން އަންނަ އީގަލްސް މިވަގުތު އޮތީ ބާރަ ޕޮއިންޓާއެކު ދިވެހި ލީގުގެ ތާވަލުގެ ތިންވަނައިގަ އެވެ. އާ ސީޒަންގައި މާޒިޔާ ސްޕޯޓްސްގެ އިތުރުން ލީގުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އީގަލްސްކަން ފާހަގަކޮށްލެވެ އެވެ.