މިފަހަރުގެ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިން ގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ދާދި ފަހަކުން އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމާއި ހަވާލުވި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ޓޮޓެންހަމްގެ ކޯޗުކަމުން ފަސް އަހަރަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރިތާ 24 ގަޑިއިރު ވެސް ނުވަނީސް އެޓީމުގެ ކޯޗުގެ މަގާމަށް މޮރީނިއޯ އިސްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. ކޯޗުކަމުން އާޖެންޓީނާގެ ޕޮޗެޓީނޯ ވަކިކޮށް، އެ މަގާމަށް މޮރީނިއޯ ހަމަޖެއްސުމަށްޓަކައި އޭނާއާއެކު އެ ކްލަބުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މޮރީނިއޯއާއެކު ޓޮޓެންހަމުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 23-2022 ސީޒަނުގެ ނިޔަލަށެވެ.
ޓޮޓެންހަމް އާއި ހަވާލުވުމަށްފަހު ނޫސްވެރިންނާއި ފުރަތަމަ ފަހަރަށް ބައްދަލުކުރުމަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ ޓޮޓެންހަމްއާއެކު ސީޒަންގެ ބާކީ އޮތް ދުވަސްތަކުގައި ނަތީޖާ ނެރުމަށް އާ ކުޅުންތެރިން ބޭނުމެއް ނޫން ކަމަށާއި އޭނާ ބޭނުންވަނީ ކްލަބުގައި މިވަގުތު ތިބި ކުޅުންތެރިން ދަސްކޮށް އެ ކުޅުންތެރިން ލައިގެން ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށެވެ.
"އަންނަ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިން ގަތުމުގެ ޝައުގެއް އަދިއެއް ނެތް. އަހަރެން ބޭނުންވަނީ މިވަގުތު ކްލަބުގައި ތިބި ކުޅުންތެރިންނާއެކު މަސަތްކަތް ކުރަން. އެ ކުޅުންތެރިން ދެނެގަނެ އެމީހުންނާ އެއްބައިވެލަން. ޓޮޓެންހަމްގެ ސްކޮޑާއި އެކެޑަމީގައި ތިބި ކުޅުންތެރިންގެ ހުނަރުގެ ސަބަބުން އަހަރެން މިޓީމާ މެދު އެންމެ ފުރަތަމަ ގަޔާވީ ވެސް. އެހެންކަމުން މި ކުޅުންތެރިންނާ އެކު މަސައްކަތްކުރަން އަހަރެން މިހިރީ ކެތްމަދުވެފައި،" މޮރީނިއޯ ބުންޏެވެ.
ޓޮޓެންހަމް އަށް މިފަހަރުގެ ޕްރިމިއާ ލީގުގެ ރޭހުގައި ނިންމާލެވޭނެ ހިސާބަކާއި ބެހޭގޮތުން މޮރީނިއޯ ބުނީ މިސީޒަންގައި ލީގް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
"މިސީޒަންގައި ދެނެއް ނެތް ލީގް ކާމިޔާބުކުރެވެން. ޖެހިގެން އޮތް ސީޒަންގައި އަހަރެން ނުބުނާނަން އަހަރެމެން ޔަގީނުންވެސް ލީގް ކާމިޔާބުކުރާނެޔެކޭ. އެކަމަކު އަހަރެމެންނަށް އަންނަ ސީޒަނުގައި ލީގަށް ވާދަކުރެވޭނެ،" މޮރީނިއޯ ބުންޏެވެ.
ނިމިގެންދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޓޮޓެންހަމް އަށް މިސީޒަންގައި އަދި އެޓީމްގެ އަސްލު ފެންވަރެއް ދެއްކިފައިނުވެ އެވެ. ލީގުގައި މިހާތަނަށް އެޓީމު ކުޅުނު 12 މެޗުން ކާމިޔާބުކުރެވިފަައިވަނީ އެންމެ 3 މެޗެވެ. ޓޮޓެންހަމް އޮތީ މިވަގުތު 14 ޕޮއިންޓާއެކު ލީގް ތާވަލުގެ 14 ވަނައިގައެވެ.
ޝައުގުވެރިކަން ހުއްޓަސް ނުލިބޭނެ ވިއްޔާ!!
ހިޔެއްނުވޭ ޕޮޗިޓީނިއޯ ހެދިކަހަލަ ޖާދުލެއް ހެދޭނެހެނެއް! މީހުންތަކެއް ގަނެފައި ފުރަތަމަ ސީޒަން ރަގަޅަށް ދާނެ! ދެން ދަނީ ހަމަ ޗޮކުން!