އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެސްޓަން ވިލާ އިން ރަށުން ބޭރުގައި ލެސްޓާ ސިޓީ ހިފަހައްޓައިފި އެވެ.

ކިންގް ޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު ކަރަބާއު ކަޕް މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި ފްރެޑްރިކް ގިލްބަޓް ޖެހި ލަނޑުން އެސްޓަން ވިލާ އިން ލީޑު ނެގި ނަމަވެސް ދެ ވަނަ ހާފުގެ 74 ވަނަ މިނެޓުގައި ޖޭމީ ވާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިހެނާޗޯ ވަނީ ލެސްޓާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. ލެސްޓާ އަށް ދެން ކުރިއަށް އޮތީ ޕްރިމިއާ ލީގް މެޗެއްގައި ސައުތޭމްޓަން އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ވިލާ ޕާކުގައި އެސްޓާ ވިލާ ނުކުންނާނީ މެންޗެސްޓާ ސިޓީ އާއި ދެކޮޅަށެވެ.

ކަރަބާއު ކަޕްގެ ސެމީ ފައިނަލް އަނެއް މެޗުގައި މެންޗެސްޓާ ސިޓީ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި ފައިނަލުގެ އުއްމީދު ބޮޑުކޮށްފައެވެ. އޯލްޑް ޓްރަފޯޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 3-1 އިންނެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ސިޓީ އެވެ.