ޒަމާން ބަދަލުވެ ދުނިޔެއަށް އަންނަ ތަރައްޤީއާއި ތަހުޒިބާއި އަދި ޓެކްނޮލެޖީ އާއި އެއްވަރަށް އަޅުގަނޑުމެންގެ މި ކުޑަ ރާއްޖެވެސް މިދަނީ ތަރައްޤީގެ ރޮގުން އެތަކެއް ލަނޑުދަނޑި ތަކެއް ހާސިލް ކުރަމުންނެވެ. ޚާއްޞަ ކޮށް ކުޅިވަރުގެ ރޮގުން ޤަޢުމީ ޓީމް ތަކަށް ހަމަ އެކަނި މާލޭގެ މާހައުލުން ކުޅުންތެރިން ނެގުމުގެ ދުވަސްތައް މާޒީވެ ގޮސްފައިވަނީ އެކި ކުޅިވަރުތައް އަތޮޅުގެ އެކި ހިސާބު ތަކުގައި އެކި އެކި ނަން ނަމުގައި ކުރިއަށްގެންދަން ފެށި ހިސާބުންނެވެ.

ވައި.ޑީ.ޕީ ޕްރޮގްރާމްތައް ހިންގުމުގައި އަތޮޅު ތެރޭގެ ރަށް ރަށުގައި ކުޅިވަރު އެކަޑަމީތައް ހެދުމުގެ ފޯރި މި ވަނީ ގަދަވެފައެވެ. އެގޮތުން މުޅި ހޮޅުދޫ ގެ ކުޅިވަރަށް އިންޤިލާބެއް ގެނައުމުގެ ފޮނި އުއްމީދުގައި 04 މާރޗް 2016 ގައި ނ.ހޮޅުދޫ ތްރީރޯސް، މޫސާ އިބްރާހިމް "މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީ" ގެ ނަމުގައި ފެއްޓެވި ކުޅިވަރު އެކަޑަމީ މި ވަނީ މަދު އަހަރު ތަކެއްގެ ތެރޭގައި މުޅި ދިވެހި ރާއްޖެއަށް ނަމޫނާ ދައްކާ ހޮޅުދޫގެ ކުދި ބޮޑު އެންމެން ފަޚުރުވެރި ކޮށްލާފައެވެ.

މައި ޔޫޓައިލް އެކަޑަމީގެ އެއް އަމާޒަކީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިންތަކެއް އެ އެކަޑަމީގެ މަސައްކަތުން އުފެއްދުމެވެ. މި އަމާޒަށް ވާސިލްވުމަށް އެ އެކަޑަމީ އިން ކުރާ މަސައްކަތުގައި މިހާތަނަށް އެކަށީގެންވާ ކާމިޔާބީތަކެއްވެސް ވަނީ ހޯދައިފައެވެ. އެކަޑަމީގައި ތަމްރީނު ހަދަމުން އައި ކުއްޖަކު ވަނީ މިފަހަކުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް ހިމެނިފައެވެ.

ހޮޅުދޫ މޫސަ އެކަޑަމީން ބޭއްވި ހަފްލާއެއްގެ ތެރެއިން ؛ ފޮޓޯ؛ މޫސަ އެކަޑަމީ

ގާތްގަނޑަކަށް 2200 މީހުންގެ އާބާދީ އެއް އޮންނަ ހޮޅުދޫގައި ހިންގަމުން އަންނަ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ހިތްވަރަކަށް ވަނީ ކުދިންގެ ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެކަޑަމީއަށް އެމީހުން ކުރާ އިތުބާރެވެ. މޫސަގެ ބަހުންނަމަ އެކަޑަމީ ގެ ހިތަކީ ބެލެނިވެރިންނެވެ.

ކުޅިވަރުގެ ދާއިރާއިން ޒުވާނުންގެ ޤަޢުމީ އިނާމް ހާޞިލް ކުރައްވާފައިވާ މޫސަ ފުޓުބޯޅަ ކޯޗިން ސީ ލައިސަންސް އީރާން އިން އަދި ބީ ލައިސަންސް މެލޭޝިޔާ އިން ފުރިހަމަ ކުރީ ހަމަ އެކަނި އެންމެ މަޤުޞަދެއްގައެވެ. ދުޅަހެޔޮ އަމާން ވެއްޓެއް ރަށުގެ ކުދި ބޮޑު އެންމެނަށް ހޯދައި ދިނުމާއި،ކުޅިވަރުގެ އެކި ރޮގުން ޤަޢުމީ ފެންވަރުގެ އެތައް ދަރިން ތަކެއް އުފެއްދުމުގެ މާތް މަޤުޞަދުގައެވެ. ހިތްވަރާއެކު ފެށި ދަތުރުގެ ފޮނި މީރުކަން އަންނަނީ ރަށުގެ އެންމެ ރައްޔިތުންނާ ހިސާބަށް ފޯރަމުންނެވެ.

ފުޓުބޯޅަ، ނެޓްބޯޅަ، ސުވިމިންގ، ސްޕޯޓްސް ތިއަރީގެ އިތުރުން ފިޒިކަލް އެޑިޔުކޭޝަން ދަރިވަރުންނަށް ކިޔަވައިދެމުން އަންނަ މި އެކަޑަމީ އަކީ މިއަދު ކުޅިވަރު ސްކޫލެކެވެ. އަހަރުގެ އެކި ދުވަސްތަކަށް ބަހާލެވިގެން ސުވިމިންގ މޮޑިއުލް ތައް ކުރިއަށް ގެންދިއުމަށްޓަކައި ތަޖުރިބާކާރު އިންސްޓްރަކްޓަރުން ގެނެވެއެވެ. އަހަރީ ޖަލްސާ އާއި ޤަޢުމީ ފެންވަރުގެ މުނާސަބަތުތައް ފާހަގަ ކުރެއެވެ. ރާއްޖޭގެ ރަށެއްގައި ހެދޭނެ އެންމެ މަތީ ފެންވަރުގެ ފިޓްނަސް ސެންޓަރ އެއް ރަށުގެ ރައްޔިތުންނާ ހިސާބަށް ގެނެވި ފައިދާ މި ދަނީ މުޅި މުޖުތަމަޢު އަށް ކުރަމުންނެވެ.

މޫސަ އެކަޑަމީގެ ފިޓްނެސް ސެންޓަރ؛ ފޮޓޯ: މޫސަ އެކަޑަމީ

ދަރިވަރުން އަހަރުގެ އެކި ދުވަސް ތަކަށް ބަހާލެވިގެން ތަޖުރިބާ ގެ ދަތުރުތައް އަތޮޅާއި އަތޮޅުން ބޭރު ރައްތަކަށް ކުރެއެވެ. ތަފާތު ޤަޢުމު ތަކުން ކޯޗުންނާއި ޓްރެއިނަރުން ގެނެވި ރާއްޖޭގެ ފުންނާބު އުސް ކޯޗުންގެ މަޝްވަރާ ހޯދައެވެ. އަހަރު ނިމުމުން ދަރިވަރުން އަހަރު ތެރޭގައި ކުރިއަރާ ދިޔަ މިންވަރު އަންގައިދޭ ރިޕޯޓެއް، މެޑެލް އާއި އެކު ބެލެނިވެރިޔާ އަށް އަރުވައެވެ. އުންމީދާއި އެކު ފެށުނު މި ދަތުރު މި ދަނީ ކާމިޔާބު ދަތުރެއްގެ ގޮތުގައި ރާއްޖޭގެ އެކި ހިސާބު ތަކުގައި ހެދިފައިވާ އެކަޑަމީ ތަކަށް ނަމޫނާ ދައްކަމުންނެވެ. މުޅި ހޮޅުދޫގެ ކުދި ބޮޑު އެންމެން ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އެކުގައެވެ.