ކްލަބު އީގަލްސް އަދި ގައުމީ ޓީމުގެ ވިންގް ބެކް، ހައިޝަމް ހަސަން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ އިދާރާ އެފްއޭއެމްއިން ބުނެފައި ވަނީ ހައިޝަމްގެ ވާތު ފައިގެ "މެނިސްކަސް ރިޕަޔާމެންޓް" ސާޖަރީ އިއްޔެ ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އޭޑީކޭއިން އޭނާ ސާޖަރީ ހަދާފައިވާއިރު، ޓީމަށް އެނބުރި އައުމަށް ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
ފަހަކަށް އައިސް ގައުމީ ޖާޒީގައި ފެނުނު އެންމެ އުންމީދީ އެއް ކުޅުންތެރިޔަކީ ހައިޝަމްއެވެ. އޭނާއަކީ ޒުވާން، ދުވެލި ބާރު، ވަރުގަދަ ޑިފެންޑަރެކެވެ. އީގަލްސްއާއެކު ކާމިޔާބު ސީޒަނަކަށްފަހު ގައުމީ ސްކޮޑުގައި ހިމެނި، މެޗުތަކުގެ ފުރަތަމަ 11 އިންވެސް ހައިޝަމް ޖާގަ ހޯދަމުންދާއިރު، އޭނާއަކީ މިހާރު ލީގުގައި އެންމެ އުންމީދީ ކުޅުމެއް ދައްކަމުންދާ އެއް ޑިފެންޑަރެވެ.
ހައިޝަމްގެ ސާޖަރީއާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
National team’s young defender Haisham Hassan had a successful knee (meniscus repair) surgery today.
Wishing him a speedy recovery 🙏🏽#towardsfuture pic.twitter.com/WmeX2WWwtg
— Bassam Adeel Jaleel (@bassam_jaleeI) April 14, 2020
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ނުރައްކަލުގެ ސަބަބުން ރާއްޖެ ލީގުވެސް މެދުކަނޑާލާފައިވާއިރު، ގައުމީ ޓީމު ކުޅެން އޮތް ކޮލިފިކޭޝަން މެޗުތައްވެސް ފީފާއާއި އޭއެފްސީން ވަނީ ފަސްކޮށްފައެވެ.
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން