ޓޮޓެންހަމް ހޮޓްސްޕާސްގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް ކުރިން ވުލްސްގެ ކޯޗުކަންކުރި ނޫނޯ އެސްޕިރިޓޯ ސަންޓޯ ހަމަޖައްސައިފިއެވެ.

އުމުރުން 47 އަހަރުގެ ކޯޗު ޓޮޓެންހަމްއާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ރަސްމީކޮށް ޓޮޓެންހަމް އާ ހަވާލުވާނީ މިހާރު ކުރިޔަށްދާ ޔޫރޯ ނިމުމުންނެވެ.

އާ ކޯޗެއް ހަމަޖެއްސި އިރު، ޓޮޓެންހަމް އިން ވަނީ މީގެކުރިން މަޝްހޫރު ގިނަ ކޯޗުންތަކަކާއި މަޝްވަރާކޮށްފައެވެ. ނަމަވެސް އެއްވެސް ކޯޗެއް އެ ކުލަބާއި ގުޅެން އެއްބަސްނުވިއެވެ. މައިގަނޑު މައްސަލައަކީ ޓޮޓެންހަމް އިން އެ ކޯޗުންގެ މުސާރައަށް ކިޔާ އަގު ކުޑަވުމުންނެވެ.

ޓޮޓެންހަމް އިން ވާހަދެއްކި ބައެއް ކޯޗުންގެ ތެރޭގައި ހިމެނެނީ ނާޕޮލީ އާއި ކުރު މުއްދަތެއްގެ ތެރޭގައި ފިއޮރެންޓީނާގެ ކޯޗުކަން ކުރި ޖެރާރޯ ގަޓޫސޯ އާއި ޖަރުމަނުގެ ބަޔާން މިއުނިކްގެ މިހާރުގެ ކޯޗު ހޫލިއަން ނާގަލްސްމަން އާއި އިންޓަމިލާނުގެ ކޯޗުކަމުން ވަކިވި އެންޓޯނިއޯ ކޮންޓޭ އާއި ރޯމާގެ ކުރީގެ ކޯޗު ޕައޮލޯ ފޮންސެކާ ، ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ބެލްޖިއަމް ގައުމީ ކޯޗު ރޮބާޓޯ މާޓިނޭޒްއެވެ.

ޓޮޓެންހަމްގެ ކޯޗުކަން އެންމެފަހުން ކުރީ ހޯސޭ މޮރީނިއޯއެވެ. އެ ކުލަބަށް އާ ކޯޗެއް މި އައްޔަނުކުރީ މޮރީނިއޯ ވަކިކުރިތާ 72 ދުވަސް ފަހުންނެވެ. ނަން މަޝްހޫރު ކޯޗެއް އެ ކުލަބަށް ނުގެނުވުނު މައިގަނޑު އެއް ސަބަބަކީ މާލީ ހާލަތު ގޯސްވެ ކުލަބުގެ ދަރަނި އިންތިހާއަށް ބޮޑުވުމުން ކަމަށް ރިޕޯޓުތައް ބުނެއެެވެ.

ނޫނޯ އެންމެފަހުން ކޯޗުކަން ކުރީ ވުލްވްސް އަށެވެ. އޭނާ ވަނީ އިނގިރޭސި ދެވަނަ ޑިވިޝަނުން އެ ކުލަބު ޕްރިމިއަރ ލީގަށް ޕްރޮމޯޓުކޮށްދިނުމަށް ފަހު ޔުރޮޕާ ލީގުގައި ވެސް ވާދަކޮށްފައެވެ.