ފަހު ވަގުތު ޓޯނީ ކްރޫސް ކާމިޔާބުކުރި ގޯލުން 2-1 އިން ސްވިޑެންގެ މައްޗަށް ޖަރުމަނުން ކުރި ހޯދައިފިއެވެ.
މިރޭގެ މޮޅާއެކު ޖަރުމަނުން ވަނީ ޕޮއިންޓުގެ ގޮތުން ސްވިޑެންއާ އަރާ ހަމަކޮށްފައެވެ. މި ދެ ޓީމަށް ވެސް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މެކްސިކޯއެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ކޮރެޔާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ޖަރުމަނަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. މި ދެ ފުރުސަތު ވެސް ލިބުނީ ޑްރެކްސްލާ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި ފުރަތަމަ ހަމަލާ ދިފާއުކުރީ ސްވިޑެންގެ ކީޕަރު އޮލްސަންއެވެ. ސްވިޑެންގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ޑްރެކްސްލާ ފޮނުވާލި ދެވަނަ ހަމަލާ ދިފާއުކުރީ ސްވިޑެންގެ ޑިފެންޑަރެކެވެ.
ސްވިޑެން އިން ޑިފެންސިވް ކުޅުމެއް މިރޭގެ މެޗުގައި ކުޅުނު ނަމަވެސް ކައުންޓަ އެޓޭކުތަކުގައި އެޓީމުން ދިޔައީ ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި ޓޮއިވޮނެން ވަނީ ސްވިޑެން އަށް މެޗުގެ ލީޑު ނަގައިދީ ޖަރުމަނު ޕްރެޝަރަށް ވައްޓާލާފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު އެޓީމުގެ ކީޕަރު މެނުއަލް ނޯޔާގެ ބޯމަތިން ބޯޅަ ފޮނުވާލައިގެންނެވެ.
އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ސްވިޑެންގެ ބާގް ވެސް ވަނީ ޖަރުމަނުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ޖަރުމަނުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ސްވިޑެން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ދެވަނަ ހާފްގައި ކުޅެން އެރި ގޮމޭޒް ދިން ޕާހަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ރޮއިސްއެވެ. މި ގޯލަށްފަހު ޖަރުމަނުން ދިޔައީ ކައިރިކައިރީގައި ސްވިޑެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ގޮމޭޒް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ސްވިޑެންގެ ކީޕަރު ދިފާއުކުރިއިރު ދެވަނަ ހާފްގައި ކުޅެން އެރި ބްރަންޓް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.
ލީޑު ނެގުމަށް ޖަރުމަނުން މަސައްކަތް ކުރަމުން ދަނިކޮށް މެޗުގެ 82 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރެފްރީ ވަނީ ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެންގް އަށް ރަތްކާޑު ދައްކާފައެވެ. އޭނާ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ސްވިޑެންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ޖަރުމަނުން ފުރިހަމަ ކުރަންޖެހުނުއިރު މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ކްރޫސް ވަނީ ޖަރުމަނަށް ލީޑު ނަގައިދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޑެންގެ ޕެނަލްޓީއޭރިއާގެ އަރިމަތިން ލިބުނު ހިލޭޖެހުމަކުންނެވެ.
މި މެޗުން ޖަރުމަނު މޮޅުވިއިރު މިއީ 1974 ވަނަ އަހަރަށްފަހު ފަހަތުން އަރާ ވޯލްޑް ކަޕްގެ މެޗަކުން ޖަރުމަނު މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މިރޭގެ މޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ޖަރުމަނަށް ބޮޑުވެފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި އެޓީމު ބައްދަލުކުރާނީ ދެކުނު ކޮރެޔާއާއެވެ. އަދި ސްވިޑެން ބައްދަލުކުރާނީ މެކްސިކޯއާއެވެ.