މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އޭނާ އިއުލާންކޮށްފިއެވެ.

އުމުރުން 36 އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އޭނާގެ ލޯބިވެރިޔާ ޖޯޖީނާ އިނީ ދެކުދިންނަށް ބަލިވެ ކަމަށެވެ. "އަހަރެމެން މިދަނީ އެއްމާބަނޑު ދެކުދިންނާއި ބައްދަލުވާނެ ކަމަށް އުއްމީދު ކުރަމުން. އަހަރެމެންގެ ހިތް ވަނީ ލޯބިން ފުރިފައި. ދެދަރިންނާއި ބައްދަލު ކުރަން މިތިބީ ކެތްމަދުވެފައި." ރޮނާލްޑޯގެ ޕޯސްޓްގައި ބުނެފައި ވެއެވެ.

ރޮނާލްޑޯގެ ޕޯސްޓްގައި ވަނީ އޭނާ އާއި ޖޯޖީނާާ އެއްމާބަނޑު ދެކުދިންގެ ސްކޭން ފޮޓޯއެއް ހިފައިގެން ތިބި މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިމަނާފައެވެ.

މިއީ ރޮނާލްޑޯ އާއި ޖޯޖީނާ އަށް ލިބޭ ދެވަނަ އަދި ތިންވަނަ ދަރިންނެވެ. އެމީހުންނަށް ފުރަތަމަ ދަރިއަކު ލިބުނީ 2017 ވަނަ އަހަރުއެވެ. ރޮނާލްޑޯ އަށް ފުރަތަމަ ދަރިއަކު ލިބުނީ 2010 ވަނަ އަހަރު އެވެ. އޭނާގެ މަންމަ އަކީ ކާކުކަން ވަނީ ސިއްރު ކޮށްފައެވެ. 2017 ވަނަ އަހަރު ސަރަގޭޓް މަންމައެއް ބޭނުން ކޮށްގެން ވެސް ރޮނާލްޑޯ އެއްމާބަނޑު ދެކުދިން ހޯދިއެވެ.

ޖޯޖީނާ އާއި ރޮނާލްޑޯ ބައްދަލުވީ 2016 ވަނަ އަހަރު އެވެ. ރޮނާލްޑޯ އާއި ޖޯޖީނާ ފުރަތަމަ ބައްދަލުވީ ޖޯޖީނާ ގޫޗީގެ ސޭލްސް އެސިސްޓެންޓަކަށް އޭނާ މަސައްކަތް ކުރިއިރުއެވެ، ޖޯޖީނާ މިދިޔަ އަހަރު ދިން އިންޓަވިއުއެއްގައި ބުނީ ރޮނާލްޑޯ އާއި ފުރަތަމަ ބައްދަލުވި ފަހަރު ރޮނާލްޑޯ ދެކެ ލޯބިވެވިއްޖެ ކަމަށެވެ.

ރޮނާލްޑޯ އަށް އެއްމާބަނޑު ދެކުދިން ލިބެން އުޅޭކަން އިއުލާން ކުރުމާއިއެކު މީސް މީޑިއާގައި އެތައް ހާސް ބަޔަކު އަންނަނީ ރޮނާލްޑޯ އަށް މަރުހަބާ ކިޔަމުންނެވެ. އޭގެތެރޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ސަޒުނާ އަށް ތަ،

  2. އަހުމަދު

    ކިތަންމެ މަސްހޫރު ވިޔަސް މިފަދަ ހަބަރު ނުޖެހުން އެދެން. ދެ ލޯބިވެރިން ވިއްޔާ ލިބޭނީ ނަހަލާލު ދަރިން ނޫންބާ؟ ކައިވެނީގެ ބޭރުން ހޯދާ ދަރިން އެއީ ހަލާލު ދަރިން ކަން އަދި ނޭންގޭތީވެ އަހާލީ؟ ވަގުތުން މި ހަބަރު ގެނެސް ދިން އިރު ހަބަރޭ ވިދިގެން ދީނުގަ ކައިވެނީގެ ބޭރުން ހޯދާ ދަރިން ނަކީ ކޮން ކަހަލަ ދަރިން ކަމާއި، މިއީ ކިހާވަރެއްގެ ކަމެއްކަން ދީނުގަ ގެނެސް ދިނުން ރަގަޅު ކަމަށް ދެކެން.

    23
    2