ހަސަން ނަޒީމް ގާސިމް (ޗޯޓު) ހެދި ހެޓްރިކާއެކު ރައީސުލްޖުމްހޫރިއްޔާ ގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕު ފުޓުބޯޅަ މުބާރާތުގައި ކުލަބް ގްރީންސްޓްރީޓްސް ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުން ގްރީންސްޓްރީޓްސް މޮޅުވީ ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 5-1 ގެ ނަަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މޮޅާއެކު ގްރީންސްޓްރީޓްސް އޮތީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ލީގު ބުރުގެ އެއްވަނައިގައި ކުލަބް ވެލެންސިއާ އޮތްއިރު އެ ޓީމު އޮތީ ފަސް މެޗުން ފަނަރަ ޕޮއިންޓާއެކު އެވެ. އަދި އެއް މެޗު މަދުން ކުޅެ މާޒިޔާ އޮތީ 12 ޕޮއިންޓާއެކު އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޓީސީންނެވެ. މި ލަނޑު މެޗުގެ 22 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗޯޓު އެވެ. އަންސަރު އިބްރާހިމް (އަންކޮ) ގެ އެހީތެރިކަމާއެކު އެ ޓީމުގެ ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ޗޯޓު އެވެ.

ފުރަތަމަ ހާފު ދެ ލަނޑުގެ ލީޑަކާއެކު އޮވެ ނިމުނުއިރު ދެވަނަ ހާފު ފަށައިގެން އުފެއްދި ހަމަލާތަކުން ޓީސީގެ ދާނިޝް ވަނީ ޓީސީގެ ހަމައެކަނި ލަނޑު މި މެޗުގައި ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ގްރީންއިން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑަކީ ޓީސީގެ ހަސަން އީނާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޗޯޓުގެ ހެޓްރިކް ފުރިހަމަކޮށްފައި ވަނީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ އަދި ގްރީންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިތުރުވަގުތުގެ ފަހު މިނެޓުގަައި އަންކޮ އެވެ.