ބްރޫޝިއާ ޑޯޓްމަންޑްގެ ކޯޗުކަމުން މާކޯ ރޯސް ވަކިކޮށްފިއެވެ.

ޑޯޓްމަންޑްގެ ކޯޗުކަމުން ރޯސް ވަކިކުރިކަން އެ ކްލަބުން އިއުލާން ކޮށްފައިވާއިރު، އެ ކްލަބުން ބުނީ ކޯޗުކަމާ ހަވާލުވާނެ ފަރާތެއް ކުރިޔަށް އޮތް ދުވަސްތަކުގައި އިއުލާން ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޑޯޓްމަންޑްގެ ޗީފް އެކްސެކިއުޓިވް ހާންސް ޖޯކިމް ވިދާޅުވީ، މިއަދަކީ އެއްވެސް ގޮތަކުން ފަސޭހަ ދުވަހެއް ނޫން ކަމަށާއި، ނަމަވެސް ރޯސް އާއި ކްލަބާ ދެމެދު އޮތް ގުޅުން އަދިވެސް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

ޑޯޓްމަންޑްގެ ކޯޗުކަމާ މި ސީޒަނަށް ހަވާލުވި ރޯސްގެ އިރުޝާދު ދަށުން އެ ކްލަބު ވަނީ 47 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 27 މެޗުން އެޓީމު މޮޅުވިއިރު، 16 މެޗުން ވަނީ ބަލިވެފައެވެ. އަދި ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މި ސީޒަނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ޑޯޓްމަންޑް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ. އެޓީމު ގްރޫޕް ސްޓޭޖް ނިންމާލީ އަޔަކްސް އަދި ސްޕޯޓިން ލިޒްބަންއަށްވުރެ ދަށުގައި އޮވެގެންނެވެ.

މީގެއިތުރުން ޑޯޓްމަންޑް ވަނީ ޔޫރޮޕާ ލީގުގައި ރޭންޖާސް އަތުން ބަލިވެ އެ މުބާރާތުންވެސް ކަޓާފައެވެ. އަދި ޖަރުމަން ލީގުގައި ޗެމްޕިއަން ބަޔާން މިއުނިކްގެ ފަހަތުން ދެވަނައިގައި 8 ޕޮއިންޓްގެ ފަރަގަކާއެކު ޑޯޓްމަންޑް ނިންމާލިއިރު، ޖަރުމަން ކަޕުން އެޓީމު ކެޓީ ދެވަނަ ޑިވިޝަން ކްލަބެއް އަތުން ބަލިވެގެންނެވެ.