އެސްޓީއޯ ކަންމަތި ފުޓްސަލް މުބާރާތުގައި ރޭ އާރުޑީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އެސްޕާޑާ ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލިއިރު ކްލަބް ގަސްދޮށުން ވަރުގަދަ ކޯރޭ އެފްސީ ހިފަހައްޓައިފިއެވެ.

މުބާރާތުގައި ރޭ ދެ މެޗެއް ކުޅުނުއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޯރޭ އަދި ގަސްދޮށުއެވެ. މި ދެ ޓީމް ވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ.

ފުރަތަމަ މެޗުން ބަލިވެފައިވުމުން ރޭގެ މެޗުން މޮޅުވުން ކޯރޭ އަދި ގަސްދޮށައް ވެސް އޮތީ މުހިއްމުވެފައެވެ. ފުރަތަމަ ހާފުގައި މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް ކޯރޭ އިން ގަސްދޮށުގެ ގޯލަށް ފޮނުވާލިއިރު އެ ބޯޅަތަކުގެ ހުރަހަކަށްވީ ގަސްދޮށުގެ ކީޕަރެވެ. ކޯރޭ އިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ 3-1 އިން ކުރީގައި އޮވެއެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ގަސްދޮށުން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ކޯރޭގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. ދެ ގޯލުގެ ފަހަތުގައި އޮވެ މި ހާފާ ކުރިމަތިލި ގަސްދޮށުން ވަނީ ދެ ފަހަރެއްގެ މަތިން ލީޑު ވެސް ނަގައިފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވީ 5-5 އިންނެވެ. މެޗުގައި ކޯރޭ އަށް ގޯލްތައް ޖަހައިދިނީ އިބްރާހިމް ހުސައިން، އަބްދުﷲ ޝައްފާން އަދި މުހައްމަދު ޔަފާއުއެވެ. ގަސްދޮށަށް ގޯލްތައް ޖަހައިދިނީ މުހައްމަދު އިޔާދުގެ އިތުރުން އާލިމް އަބްދުލް އަޒީޒެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިޔާދް ވަނީ ހަތަރު ގޯލް ޖަހައިފައެވެ.

ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އާރުޑީ ސްޕޯޓްސް ކްލަބް އަދި އެސްޕާޑާއެވެ. ކޯރޭއާ ވާދަކޮށް އެސްޕާޑާ އިން އެ ޓީމުގެ ފުރަތަމަ މެޗު ކާމިޔާބުކުރިއިރު ރޭގެ މެޗަކީ އާރުޑީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ފުޓްސަލްގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިން ގިނަ މި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ އާރުޑީ އިންނެވެ. މި ގޯލް އެ ޓީމަށް ޖަހައިދިނީ އިބްރާހިމް ސިނާހްއެވެ.

އެސްޕާޑާ އަށް އެއްވަރު ކޮށްދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު ޒައިން ވަނީ ގޯލެއް ޖަހައި އެސްޕާޑާ އަށް ލީޑު ނަގައިދީފައެވެ. މި ނަތީޖާގައި އޮވެ މެޗު ނިމެމުން ދަނިކޮށް އާދަމް ނާސިހް ގޯލެއް ޖަހައި އާރުޑީ އަށް އެއްވަރު ކޮށްދިން ނަމަވެސް މެޗުގެ ފަހު ސިކުންތުކޮޅުގައި ހާއްޕެ ވަނީ އޭނާގެ ދެވަނަ ގޯލް ޖަހައި އެސްޕާޑާ އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޕާޑާގެ މުހައްމަދު ޒައިންއެވެ.

ރޭގެ މެޗުތަކާއެކު އެސްޕާޑާ ލީގުގެ އެއްވަނައިގައި އޮތީ ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ދަ ރޯޔަލްސް އެވެ. ތިންވަނައިގައި ކޯރޭ އެފްސީ އޮތްއިރު ހަތަރު ވަނައިގައި އޮތީ ގަސްދޮށު އެވެ. މި ދެ ޓީމަށް ވެސް ލިބިފައިވަނީ ޕޮއިންޓެކެވެ. ފުލުގައި އޮތް އާރުޑީ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.