އިޓާލިއަން ލީގުގައި ރޯމާ މޮޅުވިއިރު، ޔުވެންޓަސް ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.

ރޭ ރޯމާ މޮޅުވީ ކްރިމޮނީޒްއާ ދެކޮޅަށް ކުޅުނު މެޗު 0-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ރޯމާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. މިގޮތުން އެޓީމުން ދިޔައީ ކްރިމޮނީޒްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 65 ވަނަ މިނެޓުގައި ޖެހީ ރޯމާގެ ކްރިސް ސްމޯލިންއެވެ. މި ލަނޑަށްފަހުވެސް ރޯމާއަށް ލީޑު ފުޅާ ކުރަން ވެސް ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

ލީގުގައި ރޯމާ މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާއިރު، ކްރިމޮނީޒް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.

ޔުވެންޓަސް އެއްވަރުވީ ސަމްޕްޑޯރީއާއާ ދެކޮޅަށް ކުޅުނު މެޗުން 0-0 ގެ ނަތީޖާއަކުންނެވެ.

ސަމްޕްޑޯރިއާ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ދެޓީމަށް ވެސް ވަނީ ލިބި ބޭކާރުވެފައެވެ.

މި މެޗުގައި 65 ވަނަ މިނެޓުގައި ޔުވެންޓަސް އިން އެޑްރިއަން ރަބިއޯގެ ލަނޑާއެކު ލީޑު ނެގި ނަމަވެސް، އެ ލަނޑު ވީއޭއާރް އިން ބެލުމަށްފަހު ވަނީ ކެންސަލް ކޮށްފައެވެ.

ލީގުގައި ޔުވެންޓަސް މިހާތަނަށް ކުޅެފައިވާ ދެ މެޗުގެ ތެރެއިން އެއް މެޗުން ވަނީ އެއްވަރުވެފައެވެ. އަދި ސަމްޕްޑޯރިއާ ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ.