ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން ފަހަތުން އަރައި 2-1 ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފިއެވެ.

ސިޓީ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ތަފާތު ދެއްކީ މިދިޔަ ޖުލައި މަހު ޑޯޓްމަންޑު ދޫކޮށް 51 މިލިއަން ޕައުންޑަށް ސިޓީ އަށް ބަދަލުވި ނޯވޭގެ ފޯވާޑް ހާލަންޑެވެ. މިއީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޑޯޓްމަންޑް ދޫކޮށް ސިޓީ އަށް ބަދަލުވި ހާލަންޑް ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ޑޯޓްމަންޑުންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި މި ލަނޑު ޖަހާފައި ވަނީ ޑޯޓްމަންޑަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންހަމްއެވެ. ޑޯޓްމަންޑުން ލީޑް ނެގި ނަމަވެސް، މެޗުގެ ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތަކެއް އުފެއްދޭތޯ ބެލީ ސިޓީންނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ސިޓީން ވަނީ ނަތީޖާ އަނބުރާލައިފައެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ މެޗުގެ 80 ވަނަ މިނެޓުގައި ޑިފެންޑަރު ޖޯން ސްޓޯންސްއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ހާލަންޑް ވަނީ ލަނޑު ޖަހައި ޓީމު މޮޅުކޮށް ދީފައެވެ.

https://www.youtube.com/watch?v=H98JJiYGdMQ

މި ލަނޑަކީ ޔޮއާއޯ ކަންސޭލޯ ނެގި ހުރަހަކުން ހާލަންޑް ކާމިޔާބުކޮށް ދިން ލަނޑެކެވެ. ޑޯޓްމަންޑް އޭރިއާ ތެރެއަށް ކަންސޭލޯ ނަގައި ދިން ބޯޅަ ހާލަންޑް ފައިން ޖެހީ ފުންމައިގެން އަރައެވެ.

މި ގޯލާ އެކުގައި ދުނިޔޭގައި ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ވަނީ ހާލަންޑަށް ތައުރީފްކޮށްފައެވެ. ހާލަންޑާ އެކުގައި ސިޓީ އަށް ޔޫރަޕްގައި ކާމިޔާބު ހޯދޭނެ ކަމަށް ވެސް އެ މީހުން ދަނީ ބުނަމުންނެވެ.

ލަނޑު ޖެހުމަށް ފަހު ހާލަންޑް އުފާ ފާޅުކޮށްފައެއް ނުވެއެވެ. އެއީ އޭނާގެ ކުރީގެ ކުލަބަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޑެންމާކުގެ ކޯޕެންހާގެން ވަނީ އަމިއްލަ ދަނޑުގައި ސްޕެއިންގެ ސެވިއްޔާއާ ކުޅެ 0-0 އެއްވަރުވެފައެވެ. މި ނަތީޖާތަކާ އެކުގައި ގްރޫޕް ޖީގެ އެއް ވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކުގައި އޮތީ ސިޓީއެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކުގައި އޮތީ ޑޯޓްމަންޑެވެ. ކޯޕަންހާގެން އާއި ސެވިއްޔާ އަށް ލިބެނީ ކުޅުނު ދެ މެޗުން އެންމެ ޕޮއިންޓެކެވެ.

ޗެމްޕިއަންސް ލީގުގެ އެހެން މެޗުތަކަށް ބަލާ އިރު، ރެއާލް މެޑްރިޑާއި ޕީއެސްޖީން ކުޅުނު މެޗުތަކުން މޮޅުވިއިރު، ޔުވެންޓަސް ވަނީ ބަލިވެފައެވެ. ރެއާލް މެޑްރިޑް މޮޅުވީ 2-0 އިން އާރްބީ ލައިޕްޒިގު އާ ކުޅެގެންނެވެ. ޕީއެސްޖީން ފަހަތުން އަރައި 3-1 އިން އިޒްރޭލުގެ މެކަބީ ހައިފާ ވަނީ ބަލިކޮށްފައެވެ. ޔުވެންޓަސް އިން 2-1 ގެ ނަތީޖާއަކުން ބަލިވީ ބެންފީކާއާ ކުޅެގެންނެވެ.