އިންޑޮނީޝިޔާގެ ފުޓްބޯޅަ ލީގްގައި ކުޅުނު ފޯރިގަދަ މެޗަކަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި، ފިތި ބާރުވުމުގެ ސަބަބުން މަދުވެގެން 125 މީހަކު މަރުވެ އިތުރު އެތައް ބަޔަކު ޒަހަމްވި ހާދިސާގެ ތަހްގީގަށް ފުލުހުންތަކެއް ސަސްޕެންޑް ކޮށްފިއެވެ.

މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވ.

އިންޑޮނީޝިޔާ ލީގްގައި، އެ ގައުމުގެ އެންމެ ވަރުގަދަ ދެ ކްލަބު ރޭ ވާދަކުރި މެޗަށް ފަހު ހަމަނުޖެހުން އުފެދުނީ، މެޗުން ބަލިވި އަރޭމާ އެފްސީގެ ސަޕޯޓަރުން ދަނޑުގެ ވިނަގަނޑު މައްޗަށް ފޭބުމުންނެވެ. ވިނަގަނޑު މައްޗަށް ފޭބި ސަޕޯޓަރުން، މޮޅުވި ޕެރްސެބާޔާ ސޫރްބާޔާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހަމަލާ ދޭން މަސައްކަތް ކުރުމުން، ފުލުހުން ދަނޑަށް އަރައި ގަރުނަގޭސް ޖަހަން ފެށި އެވެ.

އެއާ އެކު، ދަނޑަށް އެރި ސަޕޯޓަރުންތައް ފުލުހުންގެ އަތްދަށު ނުވެ ސަލާމަތް ވާންވެގެން ސްޓޭޑިއަމްގެ ގޭޓާ ދިމާލަށް ދުވަން ފެށި އެވެ. މީހުންތައް ގޭޓް ކައިރިއަށް ތޮއްޖެހި ފިތި ބާރުވެފައި ވަނިކޮށް، އެއް ބަޔަކު ބިންމައްޗަށް ވެއްޓުމުން، އަނެއް ބަޔަކު އެމީހުންގެ ގައިމަތިން ދުވެފައި ދިއުމުގެ ސަބަބުން ވެސް އެތައް ބަޔަކު މަރުވިއެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާދިސާގައި ގިނަ ބަޔަކު މަރުވީ ފުލުހުން ބާރުގެ ބޭނުން ކުރި ގޮތުންނެވެ. ފުލުހުން ވަނީ ސްޓޭޑިއަމްގެ ގޮނޑި ބަރިތަކުގައި ތިބި މީހުންނާއި ދިމާއަށް ވެސް ކަރުނަގޭސް ޖަހާފައި ކަމަށް މީޑިއާތަކުން ބުނެއެވެ. ކަރުނަގޭސް ޖެހުމުން އެމީހުން ވެސް ބިރުން އެކި ދިމާތަކަށް ދުވެ، އަވަހަށް ސްޓޭޑިއަމުން ނިކުންނަން މަސައްކަތް ކުރުމުގެ ތެރޭގައި ފަތި ބާރުވެގެން މަރުވެފައި ވެއެވެ.

ފުލުހުންގެ އިސްވެރިޔާ ވިދާޅުވީ ސްޓޭޑިއަމްގައި ހިނގި ކަންކަން ކޮންޓްރޯލް ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތް ބެލުމަށް ތަހްގީގު ފަށާފައިވާ ކަމަށެވެ. މިހާތަނަށް ފުލުހުންގެ ނުވަ އޮފިސަރަކު މަގާމުގެ ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އަދި އިތުރު 19 ފުލުހެއްގެ މައްޗަށް ވެސް ތަހްގީގު ހިންގަމުން ގެންދާ ކަމަށް ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ އެކި ފަރާތްތަކުން ދަނީ މިމައްސަލައިގައި މިނިވަން ތަހްގީގެއް ކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އަދި މިނިވަން ތަހްގީގެއް ކުރުމަށް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާފިޒް

    މިވާހަކަ އަހަރެން ކުރިންވެސް ބުނީ އެހާދިސާ އެހާ ގޯސްވީ ފުލުހުން ޢަމަލުކުރިގޮތުން . ދުވެފަ ނުކުންނަން ދިޔަ މީހުންނަށްވެސް ފުލުހުން ގަސްދުގައި ހަމަލާ ދިންތަން ފެނޭ. އަދި މީހުން ނިކުންނަމުން ދަނިކޮށް ކަރުނަގެސް ޖެހީ . ފުލުހުންގެ ނިންމުން ވަރަސް ގޯސް .