މި އަހަރުގެ ފީފާ ވޯލްޑް ކަޕަކީ އޭނާ ކުޅޭނެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ފޯވާޑް އަދި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާގެ ނޫސްވެރިޔާ، ސެބަސްޓިއަން ވިނޯލޯ އަށް ދިން އިންޓަވިއުއެއްގައި މިހާރު ހުރި އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމަށްވާ މެސީ ބުނެފައިވަނީ މިއަހަރުގެ ވޯލްޑް ކަޕަކީ އޭނާ ފެނިގެންދާނެ ފަހު ވޯލްޑް ކަޕް ކަމަށާއި މިއީ ބައިނަލް އަގްވާމީ މުބާރާތަކުން ފެނިގެންދާނެ ފަހު ފަހަރު ކަމަށް ބުނަން އުނދަގޫ ކަމަށެވެ.

"މިއީ އަހަރެން ފެންނާނެ ފަހު ވޯލްޑް ކަޕް ކަން ޔަގީން. އަހަރެން މިއަންނަނީ ވޯލްޑް ކަޕަށް ދުވަސް ވެސް ގުނަމުން. ހަގީގަތުގައި ވަރަށް އުނދަގޫ މިއީ ފަހު ވޯލްޑް ކަޕޭ ބުނަން،" މެސީ ބުންޏެވެ.

މެސީ ވަނީ އެންމެ ފަހުން އާޖެންޓީނާ ކުޅުނު މެޗުގައި ވެސް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިފައެވެ. 2019 ވަނަ އަހަރުން ފެށިގެން އާޖެންޓީނާ އިން އަންނަނީ އެއްވެސް މެޗަކުން ބަލި ނުވެ އިޓަލީގެ ރެކޯޑް މުގުރާލުމާއި ގާތަށް އައިސްފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމު ހަތް ފަހަރަށް ހޯދި މެސީ ބުނީ އާޖެންޓީނާއަކީ ގިނަ ބައެއްގެ ފޭވަރިޓުން ކަމަށް ވީ ނަމަވެސް ވޯލްޑް ކަޕްގެ އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.

"ވޯލްޑް ކަޕްގެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ. ވޯލްޑް ކަޕްގައި އާންމު ގޮތެއްގައި ކާމިޔާބު ހޯދަނީ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެއް ނޫން. އެހެންވީމަ މި މުބާރާތް ހުރިހާ ޓީމަކަށް ވެސް މި ހާއްސަވަނީ،" މެސީ ބުންޏެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާ އެކު 2005 ވަނަ އަހަރު ޔޫތު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭނާ އާޖެންޓީނާގެ ރަސްމީ ޓީމަށް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ. މީގެ ތެރެއިން 2014 ވަނަ އަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ އިތުރު ވަގުތުގައި 1-0 އިން ޖަރުމަނު އަތުންނެވެ.

މެސީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ބައިނަލް އަގްވާމީ ދެ ޓްރޮފީ ކާމިޔާބު ކޮށްދީފައެވެ. އެއީ 2019 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އެމެރިކާ މުބާރާތުގެ ތަށްޓާއި 2022 ވަނަ އަހަރު އިޓަލީ ބަލިކޮށް ކާމިޔާބުކުރި ފައިނަލިސިމިއާއެވެ. މެސީ ފުޓުބޯޅައިގެ މައިދާނުގައި ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕް ކަމަށްވާއިރު މި މުބާރާތް ވާނީ އޭނާގެ ހަޔާތުގައި ވެސް ކުޅޭ އެންމެ މުހިއްމު މުބާރާތަށެވެ.

ބޯޅައިގެ ތަފާތު ހުނަރެއް ލިބިގެންވާ މެސީ ވަނީ ފުޓުބޯޅައިގައި އެތައް ރެކޯށެއް ހަދާފައެވެ. މެސީގެ އިތުރުން މި އަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ ފެނިގެންދާނެ ފަހު މުބާރާތް ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މި ދެ ކުޅުންތރިންގެ ސްޕޯޓަރުން އިންތިހާއަށް ގިނަ އިރު، މިއީ ސަޕޯޓަރުންނަށް ލިބިގެންދާނެ ދެރަ ހަބަރެއް ކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕެލޭ

    ތިހެން ހުއްޓާލި ކުރީ ފަހަރުވެސް.. އަމޭ ބުނެގެން އަނެއްކާ ކުޅެން ފެއްޓީ ޤައުމީޓީމަށް..

    4
    3
  2. Anonymous

    މިހާރުވެސް 2 ފަހަރަށް ޤައުމީ ޓީމަށް ކުޅުން ހުއްޓާލި. އިތުބާރެއް ނުކުރެވޭނެ.

    ބުނާނެ އަވައްޓެރިން ކިޔާވަރުން އަނެއްކާ ކުޅެނީއޭ. ލޮލް

    4
    1
  3. ޅިޔަނުބެ

    ލިޔުން ކިޔާ ނިމުނުއިރުވެސް ނޭގުނު ކީއްވެގެންކަމެއް ފަހު ވޯލްޑްކަޕަށްވީ؟

    1
    1