ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ވާދަކުރަން ޖެހުމުން، އިތުބާރާ އެކު ޓީމު އޮތް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

މި ދެ ޓީމަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ދެ ޓީމެވެ. އެގޮތުން ލިވަޕޫލް 1-0 އިން ބަލިކުރުމަށްފަހު ޗެމްޕިއަންކަން ހޯދީ ރެއާލް އިންނެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ފައިނަލުގައި ވެސް ލިވަޕޫލާ ކުޅެ ރެއާލް ވަނީ 3-1 އިން ލިވަޕޫލް އަތުން މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮތީ އަންނަ ފެބްރުއަރީ މަހުގެ 14،15 އާއި 21،22ގައެވެ. ދެ ވަނަ ލެގުގެ މެޗުތައް އޮންނާނީ މާޗް މަހުގެ 7،8 އާއި 14،15 ގައެވެ.

ކްލޮޕް ބުނީ މި ފަހަކަށް އައިސް ރެއާލާ ދެކޮޅަށް ފައިނަލްގައި ކުޅެފައިވާ ކަމަށާއި، ނަމަވެސް ދެ ލެގު ކުޅެން ޖެހޭ ގޮތަށް ދެ ޓީމު ބައްދަލު ކުރަން ޖެހުނީ މަދުން ކަމަށެވެ. ނަމަވެސް މިފަހަރު ދެ ލެގު ކުޅެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ރެއާލްގެ ރެކޯޑަކީ އަސްލު ހަގީގަތުގައި މޮޅު ރެކޯޑެއް. އެކަމަކު ލިވަޕޫލް މިއޮތީ ދެ ލެގުން ވެސް މެޗު ކާމިޔާބު ކުރަން ތައްޔާރަށް. ޓީމާ މެދު އަހަންނަށް %100 އުންމީދު އެބައޮތް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ކުޅުންތެރިންނަށް އޭނާގެ އިތުބާރު އަބަދު އޮންނަ ކަމަށާއި، މެޗުތަކަށް ލިވަޕޫލުން ތައްޔާރުވަމުން އަންނާނީ އެންމެ ފުރިހަމަ އަށް ކަމަށެވެ.

ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބައިވަރު އެހެން މެޗުތަކެއް ހުރި ކަމަށާއި އެހެންކަމުން އެ ހުރިހާ މެޗަކަށް ފޯކަސް ކުރާނެ ކަން ފާހަގަކޮށް އޭނާ ބުނީ، ރެއާލާ ދެކޮޅަށް ކުޅެން ޖެހުމުގެ ސަބަބުން ކުރިއަށް ދިޔުމަށް ޚާއްސަ ކަމެއް ލިބިއްޖެކަމަށެވެ.

ލިވަޕޫލާއި ރެއާލް ވާދަ ކުރާ ފުރަތަމަ ލެގު އޮންނާނީ ލިވަޕޫލްގެ ދަނޑުގައެވެ. ދެ ވަނަ ލެގު އޮންނާނީ ރެއާލްގެ ދަނޑުގައެވެ.

ދެވަނަ ބުރުގައި ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކުރިމަތިލުމެވެ. މިއީ 2020 ވަނަ އަހަރުގެ ފައިނަލަށް ފަހު މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެފަހަރު ޕީއެސްޖީ 1-0 އިން ބަލިކޮށް ތަށި އުފުލާލީ ބަޔާނުންނެވެ.

އެހެން މެޗުތަކަށް ބަލާއިރު ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީ ބައްދަލުކުރާނީ ޖަރުމަނުގެ ރެޑްބުލް ލީޕްޒިގާ އެވެ. ޗެލްސީ އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރަން ޖެހޭއިރު އިޓަލީގެ ޗެމްޕިއަނުން ކަމަށްވާ އޭސީ މިލާން ނިކުންނާނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.