ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ އިންގްލެންޑާއި ވޭލްސް ބައްދަލުކުރި މެޗުން 3-0 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއި އެކު ގުރޫޕްގެ އެއްވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު އިންގްލެންޑެވެ. އަދި ދެވަނައިގައި ފަސް ޕޮއިންޓާއެކު އޮތީ މިރޭ 1-0 ގެ ނަތީޖާއަކުން އިރާން ބަލިކުރި އެމެރިކާއެވެ. އަދި ތިންވަނައިގައި ތިން ޕޮއިންޓާއެކު އިރާން އޮތް އިރު އެއް ޕޮއިންޓާއެކު ގުރޫޕްގެ ފުލުގައި އޮތީ ވޭލްސްއެވެ.

މިއާއެކު އިންގްލެންޑާއެކު ގުރޫޕް ބީ އިން ދެވަނަ ބުރަށް ގޮސްފައިވަނީ އެމެރިކާއެވެ.

އެއާއެކު 1958 ވަނަ އަހަރުގެ ފަހުން ވޭލްސް ކޮލިފައިވި ފުރަތަމަ ވޯލްޑްކަޕަށް މިވަނީ އަލްވަދާއު ކިޔަން ޖެހިފައެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ އިންގްލެންޑް-ވޭލްސް މެޗު ފެށިގެން ފުރަތަމަ ފަސް މިނެޓް ހިނގައިދިޔައިރު ބޮޑަށް ބޯޅަ ގެންގުޅެގެން ކުޅޭތަން ފެނުނީ އިންގްލެންޑުންނެވެ. ވޭލްސްއިން ބޮޑަށް ދިޔައީ ކައުންޓަރ އެޓޭކްކުރާނެ ފުރުސަތަކަށް ބަލަމުންނެވެ.

އެގޮތުން މެޗުގެ އަށްވަނަ މިނެޓްގައި އިންގްލެންޑަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ވަނީ ލިބިފައެވެ. ކެޕްޓަން ހެރީ ކޭން ދިން ރީތި ތްރޫޕާސްއަކުން މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މާކަސް ރަޝްފޯޑް ފޮނުވާލި ހަމަލާ ވޭލްސްގެ ކީޕަރު ޑެނީ ވޯޑް ދިފާއު ކުރަނީ. ---- ފޮޓޯ: ޝަޓާސްޓޮކޮ

މެޗުގެ 15 ވަނަ މިނެޓްގައި އިންގްލެންޑުގެ ޝޯ ވަނީ މެގުއަޔާ އަށް ރީތި ޕާސްއެއް ދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް ވޭލްސްގެ ޑިފެންސުން މި ބޯޅަ ދިފާއުކުރުމާއެކު އަނެއްކާވެސް ޕެނެލްޓީ އޭރިއާގެ އަރިމަތިން ފޯޑެން އަށް ވަނީ ބޯޅަ ލިބިފައެވެ. ނަމަވެސް ފޯޑެން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނާތު ދަނޑީގެ އަރިމަތިން ބޭރަށް ގޮސްފައެވެ.

މެޗުގެ 23 ވަނަ މިނެޓްގައިވެސް އިންގްލެންޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ރައިސް، ހެންޑަސަން އަށް ދިން ބޯޅަ އޭނާ ރީތިކޮށް ފޮނުވާލި ނަމަވެސް ގޯލުގެ ކައިރީގައި އިންގްލެންޑުގެ ކުޅުންތެރިއެއް ނެތުމާއި އެކު ވޭލްސް ގެ ޑިފެންސުން ވަނީ މި ބޯޅަ ބޭރުކޮށްލާފައެވެ.

އިންގްލެންޑާއި ވޭލްސް ބައްދަލުކުރި މެޗުގެ ތެރެއިން. --- ފޮޓޯ: އޭޕީ ފޮޓޯ

ފުރަތަމަ ހާފް ނިމެން ފަނަރަ މިނެޓަށް ވީއިރުވެސް ވޭލްސް އިން އެއްވެސް ހަމަލާއެއް އުފައްދާފައެއް ނުވެއެވެ. ވޭލްސް އިން ކުޅެމުންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ޑިފެންސިންގް ގޭމެކެވެ. ނަމަވެސް އިންގްލެންޑުން ކުޅެމުން ދިޔައީ އެޓޭކިންގް ގޭމެކެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލަށް އަމާޒުވާ ގޮތްވަނީ ނުވެފައެވެ.

އިންގްލެންޑުން ވަނީ މެޗުގެ 37 ވަނަ މިނެޓް ގައިވެސް ވޭލްސް ގެ ގޯލަށް ވަރަށް ނުރައްކާ ކޮށްފައެވެ. މިއީ އިންގްލެންޑަށް ލީޑް ނަގަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެގޮތުން އިންގްލެންޑްެގެ ޒުވާން މިޑްފީލްޑަރ ފިލް ފޯޑެން އެބުރިލާފައި ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

އިންގްލެންޑުގެ ފިލް ފޯޑެން ހަމަލާެއެއް ފޮނުވާލަން މަސައްކަތްކުރަނީ.--- ފޮޓޯ: ސްކައިސްޕޯޓްސް

ހަމަ އޭގެ ކުޑައިރުކޮޅެއްފަހުން ރަޝްފޯޑްވަނީ ކައިރި ކައިރީގައި ދެ ހަމަލާ ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މި ހަމަލާތައް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައިވެސް އިންގްލެންޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ފޯޑެން ނަގައިދިން ހުރަހަކުން ސްޓޯންސް ބޮލުން ފޮނުވާލި ބޯޅަ ވަނީ ކީޕަރު ވޯޑް ދިފާއުކޮށްފައެވެ.

އިތުރުވަގުތުގެ ފަހު މިނެޓްގައި ވޭލްސްގެ އެލެން ވަނީ ވަރަށް ބާރަށް ގޯލަށް ބޯޅައެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާ ދިޔައީ ގޯލަށް އަމާޒުވެ ގޯލުގެ މަތިން ބޭރަށެވެ.

ދެވަނަ ހާފަށް ވޭލްސްއިން ނުކުތީ ބޮޑު ބަދަލަކާއި އެކުގައެވެ. އެގޮތުން ގެރެތް ބޭލް ގެ ބަދަލުގައި ކުޅެން އަރާފައިވަނީ ބްރެނެން ޖޯންސަންއެވެ.

ދެވަނަ ހާފްވެސް އިންގްލެންޑުން ފަށާފައިވަނީ ކުރީ ހާފާއި އެއްގޮތަށް ވަރުގަދަކޮށެވެ.

މެޗުގެ 50 ވަނަ މިނެޓްގައި އިންގްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުން ވަނީ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލު ޖަހައިދީފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑެވެ. މިއީ އަދި 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑްކަޕްގައި ހިލޭ ޖެހުމަކުން ސީދާކޮށް ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ ރަޝްފޯޑް މި މުބާރާތުގައި ޖަހައިދިން ދެވަނަ ގޯލެވެ.

މި ލަނޑު ޖެހިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިންގްލެންޑުން ވަނީ އެމީހުންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހެރީ ކޭން ދިން ބޯޅައަކުން ފިލް ފޯޑެންއެވެ.

ފިލް ފޮޑެން އިންގްލެންޑުގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދެނީ ---ފޮޓޯ: ރޮއިޓާސް

މެޗުގެ 56 ވަނަ މިނެޓްގައި ވޭލްސްއިންވަނީ ހަމަލާއެއް އުފައްދާފައެވެ. ޖޭމްސް ވަނީ ގޯލުގެ ކަނަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މި ހަމަލާ ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރިހަމަ ކޮންޓްރޯލް އިންގްލެންޑުގެ ބާރުގެ ދަށަށް އައުމުން 57 ވަނަ މިނެޓްގައި އިންގްލެންޑުން ވަނީ ތިން ކުޅުންތެރިން ބަދަލުކޮށްފައެވެ.

މެދު ރޮނގުން އިންގްލެންޑުގެ ފިލިޕް ދިން ބޯޅައެއް ކޮންޓްރޯލްކުރުމަށްފަހު ވޭލްސްގެ ޑިފެންޑަރުން ކައިރިން ނައްޓާފައި ގޮސް ޕެނެލްޓީ އޭރިއާ ތެރެއަށް ވަދެފައި މާކަސް ރަޝްފޯޑް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާ ވަނީ މެޗުގެ 68 ވަނަ މިނެޓްގައި އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއީ އިންގްލެންޑުން ވޯލްޑްކަޕުގައި ޖެހި 100 ވަނަ ލަނޑެވެ.

ހިލޭ ޖެހުމަކޫން އިންގްލެންޑުގެ ފުރަތަމަ ގޯލު ރަޝްފޯޑް ކާމިޔާބުކޮށްދެނީ ----ފޮޓޯ: ރޮއިޓާސް

މެޗުގައި ދެ ލަނޑު ކާމިޔާބުކުރުމަށްފަހު 76 ވަނަ މިނެޓްގައި ރަޝްފޯޑްގެ ބަދަލުގައި ގްރީލިޝް ވަނީ ކުޅެން އަރާފައެވެ.

މެޗުގެ 78 ވަނަ މިނެޓްގައި އިންގްލެންޑުން ވަނީ އެމީހުންގެ 4 ވަނަ ގޯލު ޖެހުމާއި ވަރަށް ކައިރިކޮށްފައެވެ. އެގޮތުން ބެލިންގްހަމް ފޮނުވާލި ބޯޅަ ކީޕަރުވަނީ ދިފާއުކޮށްފައެވެ. އަދި ކީޕަރު ގައިގައި ޖެހިގައި ނުކުތް ބޯޅަ ފިލް ފޯޑެން ފޮނުވާލި ނަމަވެސް ގޯލަށް އަމާޒުވެފައެއް ނުވެއެވެ.

83 ވަނަ މިނެޓްގައި ވޭލްސްއަށް ރަނގަޅު ޕޮއިންޓަކުން ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ނަމަވެސް މި ޖެހުމުން އެ ޓީމަށް ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. ނަމަވެސް 85 ވަނަ މިނެޓްގައިވެސް ވޭލްސްއިން ވަނީ ހަމަލާއެއް ދެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ކޮލްވިލް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މި މެޗުގައި އިންގްލެންޑުން ވަނީ ވޭލްސްގެ ގޯލަށް 12 ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން 7 ހަމަލާ ވަނީ އަމާޒަށް ސީދާވެފައެވެ. އަދި ވޭލްސް އިން 6 ހަމަލާ ފޮނުވާލާފައި ވާއިރު އަމާޒަށް ސީދާވެފައިވަނީ 1 ހަމަލާއެވެ. މެޗުގައި އިންގްލެންޑަށް 6 ކޯނަރު ލިބިފައިވާއިރު ވޭލްސްއަށް ލިބިފައިވަނީ 1 ކޯނަރެވެ.

އިންގްލެންޑު މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން އިރާން ކައިރިން ވަނީ 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި އެމެރިކާއާއި ބައްދަލުކޮށް ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ވޭލްސްގެ ފުރަތަމަ މެޗު ކުޅެފައިވަނީ އެމެރިކާއާއި ދެކޮޅަށެވެ. މި މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި އިރާނާއި ދެކޮޅަށް ވޭލްސް ކުޅުނު މެޗުން ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ދެވަނަ ބުރުގައި އިންގްލެންޑުން ބައްދަލުކުރާނީ ގުރޫޕް އޭ ގެ ދެވަނައިގައި އޮތް ސެނެގާލް އާއެވެ. މި މެޗު އޮންނާނީ ޑިސެމްބަރުމަހުގެ ފަސްވަނަ ދުވަހު ރާއްޖެ ގަޑިން 00:00 ގައެވެ. އެމެރިކާ ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމު ނެދަލެންޑްސްއާ ދެކޮޅަށެވެ. އެމެރިކާގެ ހަމައެކަނި ލަނޑު އިރާން ކޮޅަށް ޖަހާފައި ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗްއެވެ.