ގައުމީ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވޮލީ ވޯލް އެސޯސިއޭޝަނުން ބުނީ އަންނަ މަހުގެ 21-31 އަށް ބާއްވަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކާއި ޖަމިއްޔާތަކަށް އަންނަ މަހުގެ 10 އާ ހަމައަށް ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.

ވާދަކުރަން އެދި ހުށަހަޅާ ޓީމްތަކުން ޓީމް ލިސްޓް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 15 ގެ މެންދުރު ފަހު 12:00 ގެ ކުރިންނެވެ.

ގައުމީ އަންހެން ވޮލީ މުބާރާތުގެ ފޯމް އެސޯސިއޭޝަނުން ލިބޭނެ އެވެ. އިތުރު މައުލޫމާތު 3317015 ނަމްބަރުން ލިބޭނެ އެވެ.

މުބާރާތުގެ ކުޅުން ބާއްވަން ހަމަޖެހިފައި ވަނީ މާލޭގެ ޒުވާނުންގެ މަރުކަރުގެ އިންޑޯ ހޯލުގަ އެވެ.

މި އަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވި އޭވީސީ ސެންޓްރަލް އޭޝިއަން ޒޯންގެ ވޮލީބޯޅަ މުބާރާތް، ސެންޓްރަލް ޒޯން ސީނިއާ މެންސް އެންޑް ވިމެންސް ޗެލެންޖް ކަޕް ރާއްޖޭގައި ނުބޭއްވޭނެކަމަށް ކަމަށް ދާދި ފަހުން ވަނީ ނިންމާފައެވެ.

ސެންޓްރަލް ޒޯން މުބާރާތް މިފަހަރު ރާއްޖޭގައި ނުބޭއްވުމާއެކު އެކަން ވެގެންދާނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޮޑު މާޔޫސް ކަމަކަށެވެ. ފިރިހެން ޓީމަށް ފެބްރުއަރީ މަހު ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ގެނެސް، ޓީމުން ބުރަކޮށް މުބާރާތަށް މަސައްކަތް ކޮށްފައިވާ އިރު، ކޯޗާއެކު ގާތްގަނޑަކަށް ނުވަ މަސް ދުވަހު ތަމްރީނުތައް ކޮށްފައިވެއެވެ. އެ ތަމްރީނުތައް ކުރުމަށް ކުޅުންތެރިން ވަގުތު ހުސްކޮށްގެން މާލޭގައި ބޭސްވެގެން ތިބެން ޖެހުމާއެކު ގިނަ ކުޅުންތެރިންނަށް ރަށްރަށުގައި ކުރިއަށްދާ ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުން ލިބޭ އާމްދަނީ ދޫކޮށްލަން ޖެހުމަކީ ލިބުނު އެއް ގެއްލުމެވެ.

ގައުމީ އަންހެން އަދި ފިިރިހެން ވޮލީ ޓީމުތައް ދާދިފަހުން ތަމްރީނު ކޭމްޕަށް ސައުދީ އަރަބިއާއަށް ގޮސްފައިވަނީވެސް، ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށެވެ. ދާދި ފަހުން ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައުދީ އަަރަބިއްޔާގެ ތަމްރީނު ކޭމްޕެއް ފުރިހަމަކޮށް، އުމްރާވެސް ކޮށްފައެވެ.

އޭގެ އިތުރުން މިއަހަރު ތެރޭގައި ވޮލީ ޓީމުން އެކުވެރިކަމުގެ މެޗުތައްވެސް ކުޅެފައިވެއެވެ.