ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީ އާއި ރިއަލް މެޑްރިޑް ބައްދަލު ކުރި މެޗު އެއްވަރުވެއްޖެއެވެ.

ރިއަލް މެޑްރިޑްގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރު ވެފައިވަނީ 1-1ގެ ނަތީޖާއަކުންނެވެ.

ފަނަރަ ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ނުކުމެ އޮތް ރިއަލް މެޑްރިޑަށް ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު މެންޗެސްޓަރ ސިޓީއިން ވަނީ ގޯލާ އަމާޒުކޮށް ހަތަރު ހަމަލާ ފޮނުވާލާފައެވެ. މި ހުރިހާ ހަމަލާއެއް ދިފާއު ކޮށްފައިވާއިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ރިއަލް މެޑްރިޑުންނެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ރިއަލް މެޑްރިޑުގެ ހާފު ތެރެއިން ލިބުނު ބޯޅަ އާއިއެކު ސިޓީގެ ޕެނަލްޓީ އޭރިޔާ ކައިރިއަށް ކަމަވިންގާ އައިސް ދިން ބޯޅަ، ސިޓީގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ސީދާ ގޯލަށް ފޮނުވާ ލައިގެން މި ލަނޑު ކާމިޔާބުކޮށް ދިނީ ވިނިށިއަސް ޖޫނިޔާއެވެ. ޒުވާން މި ދެކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް މިރޭގެ މެޗުގައި ފެނިގެން ދިޔައިރު، ސިޓީގެ ޑިފެންސްއިން ވަނީ ހުށިޔާރު ކަމާއެކު މިކުޅުންތެރިން ހުއްޓުވާފައެވެ.

ފުރަތަމަ ހާފުގައި މެންޗެސްޓަރ ސިޓިގެ ފަރާތުން ފެނިގެން ދިޔަ ގިނަ ހަމަލާތަށް ފެނިގެން ގޮސްފައި ވަނީ ހާލަންޑުއާއި ޑިބްރޫންގެ އިތުރުން ޖެކް ގްރިލިޝްގެ ފަރާތުންނެވެ. މި ސީޒަނުގައި ރެކޯޓް އަދަދަކަށް ގޯލު ޖަހާފައިވާ ހާލަންޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، ރިއަލް މެޑްރިޑުގެ ކީޕަރު ވަނީ ސިޓީއިން އުފެއްދި ގިނަ ހަމަލާތަށް ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށްގެން ކުޅެފައި ވަނީ ރިއަލް މެޑްރިޑުންނެވެ. ދެވަނަ ހާފުގައި ރިއަލް މެޑްރިޑުން ގޯލާ އަމާޒުކޮށް ހަތަރު ހަމަލާ ފޮނުވާލި އިރު، ސިޓީން ވަނީ ތިން ހަމަލާ ފޮނުވާލާފައެވެ. މީގެ އިތުރުންވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަށް ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދެޓީމުގެ ކޯޗުންގެ ފަރާތުންވެސް ފެނިގެން ދިޔައީ ނުތަނަވަސް ކަމެވެ. މެޗުގެ 68 ވަނަ މިނެޓުގައި ރިއަލް މެޑްރިޑުގެ ކޯޗުގެ ފަރާތުން ރެފްރީންނަށް ބަހުގެ ހަމަލާތަކެއް އަމާޒު ވުމާއި ގުޅިގެން ވަނީ ރީނދޫ ކާޑުވެސް ދައްކާފައެވެ.

އިނގިރޭސި ޕްރިމިޔަރ ލީގުގެ ތާވަލުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއިން މެޗުގެ 67ވަނަ މިނެޓުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ގުންޑޮގަން ރިއަލްގެ ޕެނަލްޓީ އޭރިޔާގެ ބޭރުން ދިން ބޯޅަ ބާރު ކަމާއެކު ތިރި ތިރިން ފޮނުވާލައިގެން މިލަނޑު ކާމިޔާބުކޮށް ދިނީ ކެވިން ޑިބްރޫންއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ އިންޓަރ މިލާން ނިކުން ނާނީ އޭސީ މިލާންއާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ މިމަހުގެ 17އަދި 18 ވަނަ ދުވަހުއެވެ.