ޕީއެސްޖީގެ ކީޕަރު ސާޖިއޯ ރިކޯ ގިނަ ދުވަސްތަކެއް ވަންދެން ކޯމާގައި އޮތުމަށް ފަހު، ހޭ އަރައިފިއެވެ.

ސާޖިއޯ ރިކޯ އަށް އަނިޔާވެފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު އަހަކަށް އަރައި އުޅުމުގެ ތެރޭގައި ވެއްޓި ބޮލަށް ލިބުނު ސީރިއަސް ގެއްލުމުގެ ސަބަބުންނެވެ. އޭނާ އަށް މިހާރު ވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

ސާޖިއޯ ރިކޯ އަށް ފަރުވާ ދެނީ ސެވިލްގައި ހުރި ހޮސްޕިޓަލެއްގައެވެ.

އަންހެނުން އަލްބާ ސިލްވާ ބުނީ ރިކޯ ކޯމާ އިން ސަލާމަތްވެފައިވާ ކަމަށެވެ. އަދި ކޮންމެވެސް ވަރަކަށް އަތުން ހަރަކާތްކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އޭނާއަށް އާއިލާގެ މެންބަރުން ދަނެގަންނަން އެނގޭތޯ އަހާލުމުން އަލްބާ ބުނީ އަދި މިވަގުތަށް އެއްވެސް އެއްޗެކޭ ބުނުމުގެ ކުރިން ކެތްތެރިވާން ޖެހޭ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން ހިނގި މި ހާދިސާގައި އުމުރުން 29 އަހަރުގެ ކީޕަރު ވެއްޓުނީ ކުރިމަތިން އައި އަހެއްގައި ރިކޯގެ އަސް ޖެހިފައެވެ.

އަހުން ވެއްޓުމަށްފަހު، އަސް ރިކޯގެ ބޮލުގައި ފައިން ޖަހާފައިވާ ކަމަށްވެސް މަންޒަރު ދުށް މީހަކު ކިޔާދީފައިވެއެވެ.

ކީޕަރުގެ ބޮލަށް އަނިޔާވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔައީ ވެސް ހެލިކޮޕްޓަރެއްގައެވެ. ހޮސްޕިޓަލަށް ގެންގޮސް ބޮލުގެ ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޓެސްޓުތަކުން ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ދޭހަވުމުން، ފަރުވާ ދިނުމަށް އައިސީޔޫ އަށް ބަދަލު ކުރިއެވެ.

މި ސީޒަންގައި ރިކޯ ޕީއެސްޖީ އަށް އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ. މިދިޔަ ސީޒަންގެ މެދާ ހިސާބުން ރިކޯ ވަނީ ލޯނެއްގެ ދަށުން ރެއާލް މަލޯކާ އަށް ބަދަލުވެފައެވެ.

ސެވިއްޔާގައި ހުރިއިރު، ރިކޯ ވަނީ ދެ ފަހަރު ޔޫއެފާ ޔޫރަޕާ ލީގު ކާމިޔާބުކޮށްފައެވެ. އެއީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރެވެ. ޕީއެސްޖީ އަށް 2020 ވަނަ އަހަރު ބަދަލުވި ފަހުން ރިކޯ ވަނީ 14 މެޗު ކުޅެފައެވެ. ޕީއެސްޖީއާ އެކުގައި ފްރާންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ޕީއެސްޖީން ވަނީ އެ ޓީމުގެ ކީޕަރަށް އަވަސް ޝިފާއަކަށް ވެސް އެދިފައެވެ. ޕީއެސްޖީގެ ބަދަލު ކީޕަރު މީގެ ކުރިން ވަނީ ޕްރިމިއާ ލީގުގެ ކްލަބް ފުލަމަށް ވެސް ކުޅެފައެވެ.