ނަވާރަ ވަނަ އޭޝިއަން ގޭމްސްގައި ކްރިކެޓް އިވެންޓްގައި މިއަދު ކުޅުނު މެޗުން މޮންގޯލިއާ އަތުން ރާއްޖޭގެ ކްރިކެޓް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޗައިނާގެ ހަންގްޖޯގައި އަންނަ އޮކްޓޫބަރު މަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގެ ޕްރިލިމިނަރީ ބުރުގެ ގްރޫޕް އޭގައި މިއަދު ކުޅުނު މެޗުން މޮންގޯލިއާ އަތުން ރާއްޖެ މޮޅުވީ ނުވަ ވިކެޓުންނެވެ.

މިއަދު ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ރާއްޖެ އިން ގަސްދުކުރީ ހޮވަން އަރާށެވެ. މޮންގޯލިއާ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން 60 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 15 ލަނޑުހެދި ދަވާސުރެން ޖަމްޔަންސުރެންއެވެ.

މި އިނިންގްސްގައި ރާއްޖޭން އެންމެ ރަނގަޅަށް އުކީ ހަތަރު އޯވަރުގެ ތެރޭގައި 10 ލަނޑަށް ތިން ވިކެޓްނެގި އާޒިން މުޙައްމަދު ރަފީޤްއެވެ. ދެން އެންމެ ރަނގަޅަށް އުކި މުޙައްމަދު ރަޔާން ތޮލާލް ދެ ވިކެޓްނެގިއެވެ.

މޮންގޯލިއާ އާ ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އިސްމާއިލް ތޯރިޤް / އެމްއޯސީ

ރާއްޖެ އިން ކުޅެން އަރައި 6.4 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 62 ލަނޑުހަދައި މެޗު ކާމިޔާބުކުރިއެވެ. ރާއްޖޭން އެންމެ މޮޅަށް ކުޅުނު އާޒިން ވަނީ ނުބައިނުވެ 16 ބޯޅައިން 24 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 14 ބޯޅައިން 21 ލަނޑުހެދި ކެޕްޓަން ހަސަން ހާޒިގް ރަޝީދުއެވެ.

އޭޝިއަން ގޭމްސްގެ ކްރިކެޓް އިވެންޓްގެ ޕްރިލިމިނަރީ ބުރުގައި ދެން ރާއްޖެ އަށް އޮތީ އަންނަ ހޮނިހިރު ދުވަހު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ސްވިމިން އަދި ޓޭބަލް ޓެނިސްއެވެ.