ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި އިތުރު ޕެސެންޖަރ ކައުންޓަރުތަކެއް ބަހައްޓާ ހިދުމަތް ދޭން ފަށައިފިއެވެ.
މިއަދު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ކައުންޓަރުތައް ހުޅުވާދެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.
ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލްގައި މީގެ ކުރިން ހުންނަނީ 28 ޕެސެންޖަރ ކައުންޓަރެވެ. މިއަދު ހުޅުވީ 14 ކައުންޓަރެވެ. އެހެންކަމުން މިހާރު ވީއައިއޭ ގައ ޖުމްލަ 42 ޕެސެންޖަރ ކައުންޓަރު ހުންނާނެއެވެ. އަދި މީގެ ސަބަބުން ފަސެންޖަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެގެން ދާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ، އަލަށް ހުޅުވުނު މި 14 ކައުންޓަރަކީ އެ އެއާޕޯޓްގެ އެރައިވަލް އަދި ޑިޕާޗާ އެކްސްޕޭންޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.
މޫސާ ސޯލިހި ވިދާޅުވީ، މިދިޔަ އަހަރުތަކޭ އެއްގޮތަށް އެރައިވަލް ގްރޯތްއަށް ބަލާ، ކުރިއަށް އޮތް އަހަރުތަކުގައި ހަތް ޕަސެންޓްގެ އެރައިވަލް ގްރޯތްއެއް އަންނާނެ ކަމަށް ބަލާ ކެޕޭސިޓީ ބޮޑުކުރަން ނިންމީ ކަމަށެވެ. އަދި އާ ކައުންޓަރުތައް ގާއިމް ކުރެވުނީ ކުރިން ހިދުމަތް ދެމުން ގެންދިޔަ ކައުންޓަރުތަކަށް ލޯޑް ކުޑަކުރުމުގެ ގޮތުން ކަމަށްވެސް މޫސާ ސޯލިހު ވިދާޅުވިއެވެ.
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިއަދު ހުޅުވިގެން ދިޔައީ 14 "ހިނިތުންވުން" ކަމަށެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ހުވަފެށީ ފެށުމަކީވެސް އަދި ނިމުމަކީވެސް މިއީ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖެ އަންނަ މީހަކަށް އެ ހުވަފެން ނުއެއް ނިމޭނެ. އަނެއްކާވެސް އެނބުރި އަންނާނެ އުފާވެރިކަމާއެއްކޮށް އޭނާ ފުރާ ގޭޓުން ނުކުމެގެންދާގޮތަށް". އަލީ ވަހީދު ވިދާޅުވިއެވެ.
މިއަދު ވެލަނާ އެއާޕޯޓްގައި އާ ޕެސެންޖަރ ކައުންޓަރުތަކެއް ގާއިމް ކުރެވުނުއިރު، އެ އެއާޕޯޓަށް 53 އަހަރު ފުރޭތީ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކިތައްމެ ކައުންޓަރެއްވެސް ހުޅުވިދާނެ. އެތަންތަން ހުންނާނީ ހުހަށް. ތިބޭނީ ހަތަރު ފަސްމީހަކު. ދެންކިހިނެތްވާނީ. އައިލެންޑް އޭވިއޭޝަން މައި އޮފީހުގައިވެސް 10 ވަރަކަށް ކައުންޓަރ ހުރޭ ޚިދުމަތްދޭން ހަދާފަ. އެކަމަކު ޚިދުމަތްދެވެނީ 3 ކައުންޓަރުން. ލާހިކައެއްނޫން ސިންގަލް ޓިކެޓެއް ނަގަންވެސް ދެގަޑި ދޮޅުގަނޑިއިރުން ނޫނީ ނަގާކަށް. މިއަށް ސާރވިސްއޭ ކިޔޭނެތޯއެވެ.