ކްރޫޒް ލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް ލިބިފައެއް ނެތް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން ފާއިތުވި ތިން ހަތަރު އަހަރެއްގެ ތެރޭގައި ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ޕައިލެޓޭޖް ޗާޖަށް ގެނެސްފައިވާ ބަދަލު ހިމެނޭ ކަމަށެވެ.

"ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި މަޝްވަރާގެ މޭޒަށް އަރައި މި ކަމާއި ގުޅޭ މައުލޫމާތު މި ކުންފުނިން ހިއްސާކުރި. އެއިރުވެސް އަދި މިހާރުވެސް ކްރޫޒް ލައިނާތަކުގެ ޕައިލެޓޭޖް ފީ ބޮޑު ކަމުގެ ޝަކުވާއެއް ކަންބޮޑުވުމެއް މި ކުންފުންޏަކަށް ހުށަހަޅާފައެއް ނުވޭ." އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލް އިން ބުނީ ކްރޫޒް ލައިނާތައް ރާއްޖެ އަންނަން ފަށާއިރު އެ ކުންފުނިން ނަގާ ޕައިލެޓޭޖް ފީއާއި ބޭހޭ މައްސަލައެއް އޮތް ނަމަ އެކަމާއި ބޭހޭ ގޮތުން މަޝްވަރާކުރުމަށް ކުންފުނިން ތައްޔާރަށް އޮތް ވާހަކަ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.

އެކަމަށް ހައްލު ހޯދައިދިނުމަށް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކު ބައްދަލުވުންތައް އެމްޕީއެލް އިން ވަނީ ފަށައިފައި ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ނަމަވެސް އާލަމީވަބާގެ ފަހުން ކްރޫޒް ލައިނާތަށް ރާއްޖެ އަންނަން އެއްވެސް ކަހަލަ ދަތިކަމެއް ނުވަތަ ކަންބޮޑުވުމެއް ހުރި ކަމުގެ އިޝާރާތެއް ދީފައި ނެތް ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެމްޕީއެލް އިން އިތުރަށް ބުނީ ޕައިލެޓޭޖް ފީ ކުރިން ނަގަމުން އައި މި ކުންފުނިން ކުރީގައި ހެދިފައިވާ ޓެރިފް ރޭޓާއި އެއްގޮތަށެވެ. ނަމަވެސް އިތުރު މަޝްވަރާއާއި އެކު މި ކުންފުނިން ވަނީ ބޯޓުފަހަރުގެ ޓަނޭޖް ސައިޒް ގިންތި ތަކަށް ބަހާލައިފައެވެ. އަދި މި ގިންތިތަކާއި އެކަށީގެންވާ ޓެރިފް ރޭޓެއް ހަމަޖައްސައި އެއާއި އެއްގޮތަށް މިހާރުވެސް ޕައިލެޓޭޖް ފީގެ ގޮތުގައި ނަގާ އަދަދަކީ އަވައްޓެރި ސަރަހައްދީ ޕޯޓުތަކުން ނަގާ އަދަދަށް ވުރެ ކުޑަ އަގެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.