ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުންނާއެކު ރާއްޖޭގައި ކުރިއަށްގެންދިޔަ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓް މިއަދު ނިންމާލައިފި އެވެ.

އެ ސަމިޓް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކަކާއެކު ކްރޮސްރޯޑް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި އެ ސަމިޓްގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައެވެ

ބައްދަލުވުމުގައި ޔޫއެންޓަބްލިއުޓީއޯގެ އިސްބޭފުޅުންނާއި، ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެތެރޭގައި ހިމެނޭ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ޕެސިފިކް ޓޫރިޒަމް އޮގަރނައިޒޭޝަން (އެސްޕީޓީއޯ) އަދި އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް އޭޝިއާ ޕެސިފިކް (އޭސީއައި)ގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓު ރާއްޖޭގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ ސަމިޓްގައި ވަނީ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްއާއި ކަލްޗަރަލް އަދި ހެރިޓޭޖް ޓޫރިޒަމްއާއި އެގްރޯ ޓޫރިޒަމް އާއި ފަތުރުވެރިކަމުގެ ދާއިރާ ޑިޖިޓަލައިޒް ކުރެވޭނެ ގޮތްތަކާއި މެދުގައި ވަނީ އެކި ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ސަމިޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ އިތުރު މައުލޫމާތު އެހެން ގައުމަތަކަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި އެހެން ގައުމުތަކުން ފަތުރުވެރިކަން ކުރިއަށްގެންދާ ގޮތްތައް ދެނެގަނެވިފައިވާ ކަމަށް ފާހަގަކުރިއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓު ރާއްޖޭގައި - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ސަމިޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތްތަކާއި މެދުގައި ގިނަ ހިޔާލުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން އެ ސަމިޓް ބާއްވާފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުންނެވެ.