މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ އަގުތަކަށް އިއްޔެ ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސްފައިވާއިރު، ޓެކްސީ ޑްރައިވަރުންނާާއި ކަސްޓަމަރުންވެސް އާ އަގުތަކަށް ސަމާލުކަންދީ، އެ އަގުތަކަށް ފޮލޯ ކުރުމަށް އަވަސް ރައިޑް އިން ނަސޭހަތްތެރި ވެއްޖެއެވެ.

އަވަސް ރައިޑްއަކީ ރާއްޖޭގެ ޓެކްސީ ހިދުމަތް ދިނުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސްދިން ކުންފުންޏެކެވެ. މަހެއްގެ މައްޗަށް 300,000 ފަސެންޖަރުންނަށް އަވަސް ރައިޑް އިން ހިދުމަތް ދެމުންގެންދާއިރު، ހާއްސަ އެޕްލިކޭޝަނެއް ވަނީ ލޯންޗްކޮށްފައެެވެ. މި އެޕްލިކޭޝަނާއެކު ޓެކްސީ ޑްރައިވަރުންނާއި، ފަސެންޖަރުންވެސް ދަތުރު ހޯދުމަށް ކުރަ ތަކުލީފުތަކަށް ބޮޑު ލުޔެއް ގެނެސްދިނެވެ.

މާލެ ސަރަހައްދުގައި އެންމެ ގިނަ ޑްރައިވަރުންވެސް ތިބޭ އެއް ޓެކްސީ ސެންޓަރަކަށް އަވަސް ރައިޑްވާއިރު، އެ ކުންފުނިން މިއަަދު ވަނީ މިނިސްޓްރީން ކަނޑަޅާފައިވާ އަގާއި އެއްގޮތަށް ޓެކްސީ ޑްރައިވަރުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމާއެކު، އިތުރު ޗާޖެއް ނުދިނުމަށް އަންގާފައެވެ.

އަދި އެ ކުންފުނިން ވަނީ އަވަސް ރައިޑްގެ ޑްރައިވަރުން އިތުރަށް ޗާޖް ކުރަން ޑިމާންޑް ކުރާނަމަ އެކަން މީސް މީޑިއާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް އަންގަންވެސް އެދިފައެވެ.

"އަޅުގަނޑުމެން ޝުކުރުވެރިވަން އަބަދުވެސް ތިދެއްވާ އެއްބާރުލުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް". އަވަސް ރައިޑްއިން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވާގޮތުގައި، ޓެކްސީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެންނެވެ.

ޓެކްސީ ދަތުރުތަކުގެ އާ އަގުތައް

1- މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު 30ރ

2- މާލެ އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ އަށް 85ރ

3- މާލެ އިން ހުޅުމާލެ ވިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 100ރ

4- މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް 70ރ

5- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް 80ރ

6- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް 85ރ

7- ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި2 އަށް 40ރ