ރާއްޖޭގެ އިގްތިސާދު މިހާރު މަޑުމަޑުން ރަނގަޅުވާން ފަށާފައިވާ ކަމަށާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދެނެގަތުމަށް އައިއެމްއެފްގެ ވަފުދެއް މިދިޔަ މަހު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ވަފުދުގެ ހޯދުންތަކާއި ދެކޭ ގޮތް ހާމަކޮށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އިގްތިސާދީ ގޮތުން ލަފާ ވެސް އަރުވާފައެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއުލާންކުރެއްވީ މި މަހުގެ ކުރީކޮޅުއެވެ. އެކަން އިއުލާން ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަނީ މާލީ އިދާރާތަކުގެ ލަފާގެ މަތިން ކަމަށެވެ. އަދި، ބޮޑުވަމުން އަންނަ އިންފްލޭޝަން އާއި ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް މިވަގުތު ޓެކްސް ބޮޑުކުރަން ޖެހިފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

މިއަދު އާންމުކުރި އައިއެމްއެފްގެ ބަޔާނުގައި ވަނީ އެކަމަށް މަރުހަބާ ކިޔާ، އެއީ ސަރުކާރުން އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ފާހަގަކޮށްފައެވެ.

ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރ އަމީރު - ފޮޓޯ: ރައީސް އޮފީސް

"އަންނަ އަހަރު ޖީއެސްޓީ %6 އިން %8އަށް އަދި ޓީޖީއެސްޓީ %12 އިން %16 އަށް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ [އައިއެމްއެފުން] މަރުހަބާ ކިޔާ އަދި މުހިންމު ފެށުމެއް." އައިއެމްއެފްގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އައިއެމްއެފް އިން ވަނީ ރާއްޖޭގެ އެތެރޭގެ ބާޒާރުގެ އާމްދަނީ އިތުރުކުރުމަށް ލަފާ ދީފައެވެ. އަދި، ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ކެޕިޓަލް ހަރަދުތައް ހަމައަކަށް އަޅުވައި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް ވެސް އެ ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

އިއްޔެ، ސަބްސިޑީ ދޭގޮތް ބަދަލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރެއްވި ގޮތަކީ ވެސް އައިއެމްއެފްއިން ލަފާ އަރުވާފައިވާ ގޮތެވެ. އެގޮތުން، ސަބްސިޑީ ދޭ ގޮތް ބަދަލުކޮށް، ކޮންމެހެން ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ދިނުމަށް ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

އަދި، ލުއި ދަރަނި ނޫނީ ނުނެގުމަށް ވެސް އެ ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ. ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެންނަން ސަރުކާރުން ގެންގުޅޭ ވިސްނުން ވީހާ ވެސް އަވަހަކަށް ތަންފީޒުކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކުރުމަކީ މާލީ ނިޒާމަށް ހުރި ގޮންޖެހުންތައް ކުޑަކޮށްދޭނެ ކަމެއް ކަމަށް އައިއެމްއެފުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަސަން

    ރައްޔިތުން ފެލާގެން ވެރިކަން ތިކުރަނީ، ކޮބައިތަ ރާއްޖެއަށް ލިބޭ ރުފިޔާތައް، ރިސޯޓު ތަކުން ވެސް ކިހާ ރުފިޔާއެއް ލިބޭ.

    10
    • Anonymous

      ނުފެނޭތަ! ޓީޗަރުކަން ކިޔަވަބަލަ. ކޮމެންޓް ކުރަން ނީނދެ. ފެންނާނެ ރުފިޔާތައް އާންމުރައްޔިތުންގެ އަތަށް ރައްދުކުރެވެމުންދާތަން.

  2. އިސްލާޚް

    ޖީއެއްސްޓީ ބޮޑުކުރީމަ ރައްޔަތުން ފަގީރުވާނީ . ތަކެތި އަގުބޮޑުވާނީ މިސަރުކާރުގެ ބޮޑުންގެ ބަޖެޓްބޮޑުވާނީ ކުރާ އިސްރާފު ބޮޑުވާނީ، ރައްޔަތުންނަށް ޖީއެސްޓީ ނަގިޔޭކިޔާލިބެންޖެހޭ ހައްގު ހިދުމަތެއް ނުލިބޭކަން ފާހަގަކުރަން.

  3. އަބުދުﷲ

    އެމެރިކާގައި ކުރިން ދުނިޔޭގަ ހިގަމުންއައި އަޅުންގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓާލީ ގަނެގެން ގެންގުޅޭމީހާ ބަލިވީމަ ބަލަންޖެހުމާ އޭނާ މުސްކުޅިވުމުން ބަލަންޖެހޭތީއާ ... ތިންވަނަ ދުނިޔޭގެ ރައްޔިތުން އަޅުވެތި ކުރަން ހެދި ބަޖެޓަކީ އައި އެމް އެފް . މަހެއްގެ އަނގަޔައް ރަނގަޅައް ބުޅި ވަދެއްޖެކަން ޔަގީންވީމަ ކެޔޮޅު ދަމައިގަންނާނީ އެބުޅީގެ އަޅަކައްމަސްވީމަ އެއޮންނީ މަދުފަހަރެއްގަ ނޫނިއްޔާ ތައްޓމަތީގަ.

  4. އަބުދުﷲ

    ލޯނުދީދީފަ ދެންބުނާނީ ޖީއެސްޓީ ބޮޑުކޮއްގެން ތިމަންނަމެންގެ އަޅުންގެ ގޮތުގަ ތިމީހުންބައިތިއްބާށޭ. ޢައި އެމް އެފްގެ އަޅުވެތިކަމުން ދެންމިގައުމު ސަލާމަތެއް ނުވާނެދުވަހަކުވެސް . އެއްލޯނުދެއްކެން ކާރިވެއްޖެއްޔާ ސަރުކާރު ހައްލައިގެން އަނެއްލޯނުދޭނެ.

  5. ހިޔާލު

    އައިއެމްއެފް އަކީ ޔޫއެސްއާ އީޔޫ ސަރަހައްދަށް އުފަން އެސަރަހައްދުގައި ގާއިމުވެގެން ތިބޭ ބައެއް. އެއީ އެންމެ މުއްސަނދި ސަރަހައްދު. އެސަރަހައްދުގައި ޖީއެސްޓީ 20% އިން މަތިވިޔަސް އެފައިސާ ދެއްކުމުގެ ގާބިލުކަން ރައްޔިތުންގެ ކިބައިގައި ހުންނާނެ. އެހެންވީމާ، 'އެއްވަނަ' ދުނިޔޭގެ ގައުމުގެ ލޮލަކުން އައިއެމްއެފްއިން ބެލީމަ، ފެންނާނީ ވަރަށް ކުޑަކޮށް. މީ އަދި ޓެކްސް ފަށައިގަނެގެން އުޅޭ ގައުމެއް. މަށަށް ފެންނަނީ ޖަމްޕު ޖެހުމުގެ ބަދަލުގައި، ސީލިންގ ހަމަވަންދެން އަހަރަކު 0.50% އިތުރު ކުރަމުން ދިޔުން. އޭރުން ޖީބަށް މާބޮޑު އެނގުމެއް ނެތި އަރާ ހަމަކުރެވޭނެ.

  6. Anonymous

    އައިއެމްއެފްއަކީ ޒައިނިސްޓް ޕްރައިވެޓް އޮގަނައިޒޭޝަނެއް. ރައްޔިތުންނަށް އަނިޔާވެެރިވުމަށް މިދައްޖާލުން އެދޭނީ.