"މޯލްޑިވްސް މެރިން އެކްސްޕޯ 2022 "ގައި މާލޭގައި ފުޅާ ދާއިރާއެއްގައި ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ "މެރިން އިކުއިޕްމެންޓްސް" އިން ބައިވެރިވެއްޖެއެވެ.

މީޑިއަމް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށްގެން ބާއްވާ މެރިން އެކްސްޕޯގެ ހަތް ވަނަ އެޑިޝަން މާދަމާ ހަވީރު 16:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކްގައި ފަށާއިރު، މި އެކްސްޕޯ ހޮނިިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މި އެކްސްޕޯގައި މެރިން އިކުއިޕްމެންޓްސް އިން ބައިވެރިވާ އިރު، އެ ކުންފުނީގެ ސްޓޯލް ނަމްބަރަކީ ބީ10އެވެ.

މެރިން އިކުއިޕްމެންޓްސްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، މާދަމާ ފަށާ މެރިން އެކްސްޕޯގައި އެ ކުންފުނިން ރާއްޖެ އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަމުންދާ އިންޓަނޭޝަނަލް ބްރޭންޑްތަކުގެ އުފެއްދުންތައް ދައްކާލުމާއި އެ އުފައްދުންތަކާއި ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ރޭމެރިންގެ އުފައްދުންތަކާއި، ވިކްޓްރޮން ބްރޭންޑްގެ ސޯލާ ޕެނަލް، ހަންކޫކް ބްރޭންޑްގެ ބެޓަރީ އާއި ސީފްލޯ ބްރޭންޑްގެ ޕެޑެލް ބޯޑާއި ސިކަ ބްރޭންޑްގެ އުފެއްދުންތަކާއި ސީލައިން ބްރޭންޑްގެ އުފެއްދުންތައް ދައްކާލައި އެ އުފައްދުންތަކާއި ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މެރިން އިކުއިޕްމެންޓްސްގެ ވިޔަފާރި އިތުރަށ ފުޅާ ކުރުމުގެ ގޮތުން އެ ކުންފުނިން ހުޅުމާލޭގައި އާ ޝޯ ރޫމެއް ހުޅުވާއިރު، އެ ޝޯ ރޫމާއި ގުޅުން ހުރި މައުލޫމާތާއި، ކ. ހިންމަފުށީގައި ތަރައްގީ ކުރަމުންދާ 220 ޓަނުގެ ބަރުދަނަށް އުފުލޭ ހޯއިސްޓަކާއެ ބޯޓު ޔާޑާ ގުޅުން ހުރި މައުލޫމާތުވެސް ފޯރުކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މެރިން އިކުއިޕްމެންޓްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ 2006 ވަނަ އަހަރުގެ ތެރޭގައި މާލޭގައެވެ. އެ ކުންފުންޏަކީ ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ވިއްސަށް ވުރެ ގިނަ ބްރޭންޑްތަކުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް، މާކެޓްކޮށް ޑިސްރިބިއުޓް ކުރާ ބައެކެވެ.

މެރިން އެކްސްޕޯޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ދިގު މުއްދަތެއްވީ އަދި މި ސިނާއަތުގައި ބާއްވާ އެންމެ ބޮޑު ވިޔަފާރިވެރި އިވެންޓެވެ. މެރިން އެކްސްޕޯގެ ކޮންމެ އިވެންޓެއްގައިވެސް މެރިން އިކުއިޕްމެންޓްސްއިން ބައިވެރިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.