ރަޝިއާއިން ތެޔޮ ގަންނަ މިންވަރު ތުރުކީން ދެ ގުނަ އިތުރުކޮށްފިއެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހުން ފެށިގެން ތުރުކީން ދަނީ ދުވާލަކު 200،000 ތެޔޮ ފީފާ ރަޝިއާ އިން ގަންނަމުން ނެވެ. މީގެ ކުރިން ތުރުކީން ގަންނަމުން ދިޔައީ ދުވާލަކު 98،000 ތެޔޮ ފީފާ އެވެ.

ރަޝިއާއިން ތެޔޮ ގަންނަ މިންވަރު އިތުރުކުރި އިރު އިރާގައި ހުޅަނގު އެފްރިކާއިން ތުރުކީއަށް ތެޔޮ ގަންނަ މިންވަރު ވަނީ މަދުކޮށްފައެވެ. ރަޝިޔާއިން ތެޔޮ ގަންނަ މިންވަރު އިތުރުކުރި އިރު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން ވަނީ ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައެވެ.

ނަމަވެސް ތުރުކީ އަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމަކަށް ނުވާތީ އީޔޫގެ ގަވައިދުތަކާ އެއްގޮތަށް ބޯލަނބާކަށް ނުޖެހެ އެވެ.

ރަޝިއާގެ ތެޔޮ ގަންނަ މިންވަރު ތުރުކީން ވަރަށް ބޮޑަށް އިތުރުކުރި އިރު ރަޝިއާއާ ތުރުކީގެ ލީޑަރުން މި މަހު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ވިޔަފާރިއާއި، ދަތުރުފަތުރާއި، ދަނޑުވެރިކަމާއި ޓުއަރިޒަމް އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ވަނީ އެއްބަސްވެފަ އެވެ. އަދި ރަޝިއާގެ ތެލަށް ރަޝިއާގެ ފައިސާ، ރުބެލްސްއިން އަގު ދައްކަން ވެސް އެއްބަސްވި އެވެ. ރަޝިއާ ތުރުކީން ވަނީ 2030 ވަނަ އަހަރު އަންނަ އިރު ދެ ގައުމުގެ ވިޔަފާރީގެ ގުޅުން 100 ބިލިއަން ޑޮލަރަށް އިތުރުކުރަން ވެސް އެއްބަސްވެފަ އެވެ.

ރަޝިއާ އިން ފެބްރުއަރީ މަހު ޔޫކްރޭނާއި ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ވަނީ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ރަޝިއާ އިން އަންނަނީ ހުޅަނގާއި ގުޅުން ކުޑަ ގައުމުތަކާއިއެކު ވިޔަފާރީގެ މުއާމަލާތްތައް އިތުރު ކުރަމުންނެވެ.