އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފިއެވެ.

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކަލަންޑަރ ނެރެދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ތާހާއެވެ.

އެމްއޭސީއެލްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާ ކުރި މި ކަލަންޑަރުގައި ހިމަނާފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ. 2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރެވުނު މައިގަނޑު ސަބަބަކީ މިފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖްތަމައު އަށް އަންގައިދިނުމަށެވެ. އަދި މިކުދިންނަކީ ތަފާތުތަކާއި އެކު ވެސް މުޖްތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖްތަމައުން އެފަދަކުދިންނާއި މެދު ދެކޭގޮތް ރަނގަޅު ކުރުމެވެ.

އެމްއޭސީއެލްގެ 2024 ކަލަންޑަރުން އޯޓިޒަމް ކުދިންގެ ހުނަރު - ފޮޓޯ: އެމްއޭސީއެލް

"ހިތްހަމަޖެހުމާއި އުފާވެރިކަން" މި މައުޟޫއަށް ކުދިން ކުރަހާފައިވާ ކުރެހުންތަކުގައި އެކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ގެނެސްދީފައި ވެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ތާހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް 2024 ވަނަ އަހަރުގެ އެމް.އޭ.ސީ.އެލްގެ ކަލަންޑަރުގައި ހިމެނިގެންދިއުމަކީ އެހެން ހުރިހާ އަހަރުތަކަށްވުރެ 2024ގެ ކަލަންޑަރު ހާއްސވާ ސަބަބެއް ކަމަށެވެ.

އެމްއޭސީއެލްގެ 2024 ކަލަންޑަރުން އޯޓިޒަމް ކުދިންގެ ހުނަރު - ފޮޓޯ: އެމްއޭސީއެލް

"އަޅުގަނޑުމެންގެ މަގްސަަދަކީ އެކުދިންނަށް އެކުދިންގެ ހުނަރާއި ޤާބިލްކަން ދައްކާނެ ފުރުސަތު ފަހިކޮށްދިނުން. މުޖުތަމައުން އެކުދިން ބަލައިގަންނަކަން ރަމްޒުކޮށްދިނުން. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން." ޠާހާ ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަ ކުރުމުގެ އިތުރުން، ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިއްވަރުދީ ފުރސަަތު ފަހިކޮށްދިނުމަށް ދަނީ ގިނަ މަސައްކަތްތައް ކުރެވެމުންނެވެ.