އިސްރާއީލުން ހިފައިގެން އުޅޭ ފަަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލުން ހިންގަމުންދާ ރެއިޑްގައި ތިން ގެއެއް ހަލާކުވެ، އިތުރު 11 މީހުން ޒަޚަމް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގެ ތުލްކަރަމް ގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުގައި އިސްރާއީލު ސިފައިން ދިން ހަމަލާ ތަކުގައި މިއަދު 11 މީހުން ޒަހަމްވެފައިވާ އިރު، ތިން ގެއެއް ވަނީ ގޮއްވާލާފައެވެ.

އޭގެ ތެރެއިން ހަތް މީހަކަށް ބަޑީގެ ހަމަލާތައް ދީފައިވާއިރު ހަތަރު މީހަކަށް އިސްރާއީލު ސިފައިން އަނިޔާކޮށްފައިވާ ކަމަށް ވަފާ ނިއުސް އިން ބުނެފައި ވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ނޫރް ޝަމްސް ގައި ހިންގަމުންދާ ރެއިޑްގައި 16 އަހަރުގެ ކުއްޖަކު ހިމެނޭހެން 5 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށް މިއަދު ފަލަސްތީނުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް އެ ރެއިޑްގައި 10 ހަނގުރާމަވެރިން ޝަހީދު ކޮށްލާފައިވާ ކަމަށާއި، ބޭނުން ވެގެން ހޯދާ 8 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ގިނަ ހަތިޔާރުތަކެއް އަތުލައިގަނެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ގެންދަނީ ބުލްޑޯޒަރު ތަކާއެކު ނޫރް ޝަމްސް ކޭމްޕު ތެރޭގައި މަގުތަކާއި، ފިހާރަތަކާއި، މީހުންގެ ގެދޮރަށް ބޮޑެތި ގެއްލުންތައްދީ، ނަރުދަމާގެ ހޮޅިތައްވެސް ފަޅަމުންނެވެ. އިސްރާއީލުން އަސްކަރިއްޔާއިން އެ ކޭމްޕު ތެރެއަށް ވަދެފައިވަނީ 60 އަށް ވުރެ ގިނަ އަސްކަރީ އުޅަނދާއި ބުލްޑޯޒަރުތަކާއި އެކުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ކޭމްޕުގައި ދިރިއުޅޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައިވެސް އެ ކޭމްޕަށް އެންމެ ބޮޑެތި ގެއްލުންތަކެއް ދިން އެއް ފަހަރެވެ.

ޔަހޫދީންގެ ޣއިރު ޤާނޫނީ ދައުލަތް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 30 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ޕްރިޒަނަރސް ސޮސައިޓީން ވަނީ ބުނެފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންގޮސްފައި ވަނީ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުން ކަމަށްވެސް އެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގައި ހަނގުރާމަ ކުރަން ފެށިފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި ހިންގާ ރެއިޑްތައްވެސް ވަނީ އިތުރު ކޮށް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުގާން

    ފަލަސްޠީނުގެ ބިމުގައިވާ ހުރިހާ ޢިމާރާތެއް ބިމާ ހަމަކޮށް ހުރިހާ ރައްޔިތުން މަރާ ހުސް ކުރަމުންދާއިރު އެއް ފަސްގަނޑުގައި ދިރިއުޅެމުންދާ މިޞުރު؛ ޖޯޑުން؛ ސަޢޫދީ ޢަރަބިއާ އަދި އެހެން ޢަރަބި ޤައުމުތައް އެތިބީ އަގައިން ނުބުނެ އިޒުރޭލު މީހުންނަށް ހިތްވަރުދީ ކުޅިބަލާ އަތްޖަހަން.
    އެކަމަކު އީރާނުން އިޒުރޭލަށް ފޮނުވާލި ޑްރޯން އާއި މިސައިލްތައް ވައްޓާލަން ނުވަތަ ހަލާކު ކުރުމަށް ޖޯޑުން ނުވަތަ އުރުދުންގެ ވައިގެ ސިފައިން ނުކުމެ އެކަން ކުރަން އެނގުނު. މިއީ މިއަދު ޢަރަބީންގެ ޙާލަތުހުރި މިންވަރަކީ!