ޔަހޫފީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ހަމަލާތަކާއި ދެކޮޅަށް ސްވިޑެންގެ ގޮތެންބާގް ގައި މުޒާހަރާތައް ކުރަމުން އެބަދެއެވެ.

ޔޫރަޕިއަން ޕަލަސްޓީނިއަން މީޑިއާ އިން އާންމު ކުރި ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ސްވިޑެންގެ އެތައް ހާސް ރައްޔިތުންނެއް ދަނީ ޔަހޫދީ އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް ކުށްވެރިކޮށް ފަލަސްތީނަށް އެމީހުންގެ ފުރިހަމަ ތާއީދު އޮތް ކަން ހާމަކޮށް މަގުތަކުގައި ހިނގަމުންނެވެ.

މުޒާހަރާގައި ބައިވެރިވާ ސުވިޑެންގެ ރައްޔިތުން ދަނީ މުޒާހަރާގައި ފަލަސްތީނުގެ ދިދަ ބޭނުންކުރުމުގެ އިތުރުން ފަލަސްތީނުގެ ރަމްޒެއް ކަމަށްވާ ކަފިޔަހް ވެސް ބޭނުން ކުރަމުންނެވެ. އަދި "ފަލަސްތީން މިނިވަން ކުރޭ" ފަދަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައްވެސް އެ ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.

މި ސުލްހަވެރި މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ބުނެފައިވަނީ މި މުޒާހަރާގެ މަޤްޞަދަކީ އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ލާއިންސާނީ އުދުވާނާއި މެދު ދުނިޔޭގެ ގައުމުތަކުން މިހާރަށްވުރެ ހަރުކަށި ނަޒަރަކުން ދެކި އެ އަމަލުތައް ހުއްޓާލުމަށް ޔަހޫދީ އިސްރާއީލަށް ބާރު އެޅުން ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ގިނަ ސިޓީތަކެއް ގައި ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް މިހާރު ދަނީ ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތައް ކުރަމުންނެވެ. އަދި މި ސުލްހަވެރި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވަމުންދާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

އެމެރިކާގައި ވެސް ވަނީ ފަލަސްތީނަށް ތާއީދުކޮށް ދަރިވަރުންގެ ބޮޑު މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެމެރިކާގެ ނަން މަޝްހޫރު އެތައް ޔުނިވާސިޓީއެއްގައި ދަރިވަރުން ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. އެމެރިކާގައި ކުރި މުޒާހަރާތަކުގައި އެ ގައުމުގެ ފުލުހުން ވަނީ އެތައް ސަތޭކަ ދަރިވަރުންނެއް ހައްޔަރު ވެސް ކޮށްފައެވެ.