ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ކޮލަމްބިއާ އިން ފައްސިވި މީހުންގެ އަދަދު 8 ލައްކައަށް އަރައިފިއެވެ.

އެޤައުމުން ފައްސިވި މީހުންގެ އަދަދު 9 ލައްކައަށް އަރާފައި މިވަނީ އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކަށް އަލަށް މި ބަލި ޖެހުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް ކޮލަމްބިއާ އިން އިތުރު 7,721 މީހަކަށް މިބަލި ޖެހުނެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 806,038 އަށް އަރާފައެވެ.

ކޮލަމްބިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 193 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް 25,296 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

މުޅި ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ކޮލަމްބިއާ ހިމެނޭއިރު، އިއްޔެ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމަކީ ކޮލަމްބިއާ އެވެ. އަދި މިވަގުތު ދުނިޔެއިން 5 ވަނައަށް ބަލީގެ އެންމެ ގިނަ ވޭދަނަ (ކޭސް) ފެންމަތިވެފައިވާ ޤައުމަކީވެސް އެއީ އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ކޮލަމްބިއާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 700,112 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައިވާ 12,635 މީހަކުވެސް ހިމެނެއެވެ.

މިވަގުތު ކޮލަމްބިއާގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދާ މީހުންގެ ތެރެއިން 863 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އެންމެ ފުރަތަމަ ކޮލަމްބިއާއިން ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 6 ވަނަ ދުވަހުއެވެ. އެއަށްފަހު އެޤައުމަށް މި ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެ، ހިފެހެއްޓުމެއް ނެތި ބަލި ފެތުރެން ފަށާފައި ވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެންނެވެ.