ހަލުވިކަލާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ބްރެޒިލް އިން ފައްސިވީ މީހުންގެ އަދަދު 5 މިލިއަނަށް އަރައިފިއެވެ.

އެޤައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު 5 މިލިއަނަށް އަރާފައި މިވަނީ، މިދިޔަ 24 ގަޑިއިރު ތެރޭވެސް އިތުރު އެތައް ހާސް ބަޔަކަށް އަލަށް ބަލި ޖެހުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް ބްރެޒިލް އިން 29,741 މީހަކު އަލަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5,000,694 އަށް އަރާފައެވެ.

ބްރެޒިލް އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ ހާލަތު ގޯސްވަމުން އަންނައިރު، އެޤައުމުން މަރުވާ މީހުންގެ އަދަދަށްވެސް މަޑުޖެހުމެއް ނާދެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު އެޤައުމުން މި ބަލީގައި އަންނަނީ މަރުވަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭ އިތުރު 733 މީހަކު ހިމެނޭހެން ބްރެޒިލް އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 148,304 އަށް އަރައެވެ. ދުނިޔެއިން ތިންނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ބްރެޒިލް އަކީ ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

މިހާތަނަށް ބްރެޒިލް އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 4,391,424 މީހަކު، ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެނީ 460,966 މީހަކަށެވެ. އޭގެތެރެއިން 8,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ނުވަތަ ސީރިއަސް ހާލުގައެވެ.

ސިއްޙީ މާހިރުން ލަފާކުރާ ގޮތުން ބްރެޒިލް އަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ "ޕީކް" ނުވަތަ ބަލީގެ ނުރައްކާ އެންމެ ބޮޑުވާނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން އެޤައުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި މި ބަލީގެ ނުރައްކާ އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް ދުނިޔެއަށް ބޮޑުވަމުން އަންނައިރު، ބްރެޒިލް ހިމެނޭހެން މިހާތަނަށް ދުނިޔެއިން ޖުމްލަ 36 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ދުނިޔޭގެ 214 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭތާ އަހަރެއްހައި ދުވަސްވާން ކައިރިވެފައި ވާއިރު، މި ބައްޔަށް ރަސްމީ ގޮތެއްގައި ބައިނަލްއަޤުވާމީ ގޮތުން ހުއްދަ ލިބިފައިވާ ބޭހެއް ނުވަތަ ވެކްސިނެއް ބޭނުންކުރެވެން ފެށިފައެއް ނުވެއެވެ. ސިއްޙީ ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުން ކޮވިޑް-19 ވެކްސިނެއް އުފެއްދޭނީ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުއެވެ.