ވާދަވެރިކަން އެންމެ ބޮޑު އެއް ސްޓޭޓް ކަމަށްވާ މިޝިގަންގެ ވޯޓުން ކުރި ހޯއްދަވައި، އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގާތައް އަނެއްކާވެސް އިތުރު ފިޔަވަޅެއް އަޅުއްވައިފިއެވެ.

ސީއެންއެންގެ ޕްރޮޖެކްޝަން އިން މިޝިގަން ސްޓޭޓް ބައިޑެންއަށް ކާމިޔާބު ކުރެވިފައި ވާއިރު، އެ ސްޓޭޓު ކާމިޔާބު ކުރެވުމުން ބައިޑެން އަށް ވަނީ އިތުރު 16 އިލެކްޓޯރިއަލް ވޯޓު ލިބިވަޑައިގެންފައެވެ.

މި ސްޓޭޓަކީ 2016 ވަނަ އަހަރު، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބުކޮށްފައިވާ ސްޓޭޓެކެވެ.

ބައިޑެން އަށް މިޝިގަން ސްޓޭޓް ކާމިޔާބު ކުރެވުމުން މިހާރު ޖުމްލަ 253 އިލެކްޓޯރިއަލް ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ޓްރަމްޕް އަށް މި އިންތިޚާބުން އަދި ލިބުނީ 213 އިލެކްޓޯރިއަލް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާނީ ޖުމްލަ 270 އިލެކްޓޯރިއަލް ވޯޓެވެ.

ސީއެންއެންގެ ޕްރޮޖެކްޝަނުން މިޝިގަން ކާމިޔާބުވެ ބައިޑެންއަށް ލިބުނު އިލެކްޓޯރިއަލް ވޯޓުގެ އަދަދު 253 އަށް އަރާކަމަށް ދެއްކި ނަމަވެސް އަދި "ފޮކްސް ނިއުސް" އާއި "އޭޕީ" އަށް އެ ސްޓޭޓް ނާރައެވެ.

"ފޮކްސް ނިއުސް" އާއި "އޭޕީ" ގެ ޕްރޮޖެކްޝަން އިން މިހާތަނަށް ދައްކާ ނަތީޖާތަކަށް ބަލާއިރު، މިޝިގަން އިތުރުކޮށްފި ނަމަ ބައިޑެން އަށް ލިބޭ އިލެކްޓޯރިއަލް ވޯޓުގެ ޖުމްލަ 264 އަށް އަރާނެއެވެ. އޭރުން ބައިޑެންއަށް އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާނީ އެންމެ 6 އިލެކްޓޯރިއަލް ވޯޓެވެ.

ސީއެންއެންގެ ނަތީޖާތަކާއި "ފޮކްސް ނިއުސް" އަދި"އޭޕީ" ގެ ނަތީޖާތަކުގެ ފަރަގު އުޅެނީ، ބައިޑެންއަށް އެރިޒޯނާ ސްޓޭޓް ކާމިޔާބު ކުރެވިފައިވާކަމަށް އިއުލާނުކޮށްފައި ވާތީއެވެ. ނަމަވެސް ސީއެންއެން އާއި ސްކައި ނިއުސް އިން ބުނަނީ އެ ސްޓޭޓް އަދި އެއްވެސް ކެންޑިޑޭޓަކަށް ކަށަވަރު ނުވާކަމަށެވެ.