ދުނިޔެއިން 13 ވަނަ އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޕޮލެންޑުން އިތުރު 502 މީހަކު، އެ ބަލީގައި މަރުވެއްެޖެ އެވެ.

ފަހަކަށް އައިސް ޕޮލެންޑުގައިވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައެވެ.

އެ ގައުމުގައި މިހާތަަނަށް ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ 19،861 އަށް އަރާފައެވެ.

ޕޮލެންޑުގައި ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ކޮންމެ ދުވަކު ކަހަަލަ ގޮތަކަށް އުޅެނީ 500 އިން މަތީގައެވެ.

އެ ގައުމުގައި މިއަދު އެކަނި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 12،430އަށް ވަނީ އަރާފައެވެ. އެ ގައުމުގައި ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވަނީވެސް ދާދި ފަހުންނެވެ. އެގޮތުން ނޮވެމްބަރު 23 ވަނަ ދުވަހު އެ ގައުމުން 37،596 މީހަކު ވަނީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑް-19އަށް ފައްސިވެފައެވެ.

މިހާރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1,054,273 އަށް އަރާފައެވެ. މީގެ ތެރެއިން 687,910 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ދައްކައެވެ.