އިންޑޮނޭޝިއާގެ ސްކޫލްތަކަށް ދާއިރު ބުރުގާ އެޅުން މަޖުބޫރު ނުކުރެވޭ ގޮތަށް އިންޑޮނޭޝިއާގެ ސަރުކާރުން ހަމަޖައްސައިފިއެވެ.
އެ ގައުމުގެ ސަރުކާރު ސްކޫލްތަކުގައި މިގޮތަށް އަމަލު ކުރުމަށް ނިންމީ ނަސޯރާ ދީނުގެ އަންހެން ކުއްޖަކު ބުރުގާ އެޅުމަށް އެ ގައުމުގެ ސްކޫލަކުން އެ ކުއްޖާ އަށް އަންގައި ކުއްޖާގެ ބެލެނިވެރިން ސްކޫލަށް ހާޒިރު ކުރުމުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި މައްސަލަ އިންޑޮނޭޝިއާ ސަރުކާރުގެ ސަމާލުކަމަށް އައީ ނަސޯރާ ދީނުގެ ކުއްޖާގެ ބެލެނިވެރިން ސްކޫލަށް ހާޒިރުކޮށް ސަރުކާރު ސްކޫލަކުން އެ ކުއްޖާ ބުރުގާ އެޅުމަށް މަޖުބޫރު ކުރުމުންނެވެ. އެކުއްޖާގެ ބެލެނިވެރިން ވަނީ ސްކޫލަށް ހާޒިރުކުރުމުން ސްކޫލުން ކުރި ކަންކަމުގެ ވީޑިއޯ އެއް މީސްމީޑިއާގައި ހާމަކޮށްފައެވެ.
އިންޑޮނޭޝިއާއަކީ މުސްލިމުންގެ އާބާދީ ބޮޑު ގައުމަކަށް ވާއިރު އެ ގައުމުގެ ސަރުކާރުގެ ސްކޫލްތަކުގައި އަންހެން ކުދީން ބުރުގާ އެޅުން އޮންނަނީ މަޖުބޫރު ކޮށްފައެވެ. އަދި މުސްލިމް ނޫން ކުދިން ވެސް ބައެއް ސްކޫލްތަކުގައި ބުރުގާ އެޅުން މަޖުބޫރެވެ.
އިންޑޮނޭޝިއާގެ އެޑިއުކޭޝަން އެންޑް ކަލްޗަ މިނިސްޓަރު ނަދީމް މަކާރިމް ބުނީ ސްކޫލަށް ވަކި ގޮތަކަށް ހެދުން އަޅައިގެން ދިއުން މަޖުބޫރު ނުކުރެވޭނޭ ކަމަށާއި އެއީ ސްކޫލް ކުދިންގެ ހައްގެއް ކަމަށެވެ.
މި މަައްސަލައާ ގުޅިގެން މައްސަލަ ފެންމަތިވި ސްކޫލް ޕްރިންސިޕަލް ވަނީ ނަސޯރާ ދީނުގެ ކުއްޖާއަށް މައާފަށް އެދިފައެވެ. އަދި އެކުއްޖާ ދީނާ އެއްގޮތަށް ހެދުން އެޅުމަށް ވަނީ ހުއްދަ ދީފައެވެ.
އިންޑޮނޭޝިޔާ އަކީ ދުނިޔެއިން މުސްލިމުންގެ މެޖޯރިޓީ އޮންނަ އެންމެ ބޮޑު ގައުމެވެ.
ވަރައް އުފާވެރި ޙަބަރެއް