ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އެއް ބަލި މަޑު ކަމަކީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ ބަލިމަޑު ކަމެވެ. ބަލީގެ ސަބަބުން ގިނަ ބަޔަކު މި ދުނިޔެ ދޫކޮށް ގޮސްފައިވާއިރު، ސައިންސްވެރިން ވަނީ ރެއާއި ދުވާލު މަސައްކަތް ކޮށްގެން ބަލިން ރައްކާތެރިވުމަށް ވެކްސިނެއް އުފައްދާފައެވެ.

ކޮވިޑް-19 އަށް އުފެއްދި ވެކްސިން ތަކަކީ މިހާތަނަށް އެންމެ އަވަހަށް އުދައްދާފައިވާ ވެކްސިންތަކެވެ. މާނައަކީ ހުރިހާ ތަހުލީލުތައް އެހާ އަވަހަށް ފުރިހަމަ ކޮށް ނިންމާލި ވެކްސިނެވެ. އާއްމުކޮށް ވެކްސިނެއް އުފެއްދުމަށް 10-15 ވަަރަކަށް އަހަރު ނަގައެވެ. އެހެން ނަމަވެސް ކޮވިޑް ވެކްސިން އަހަރެއްގެ ތެރޭ ސައިންސްވެރިން ވަނީ އުފައްދާފައެވެ.

އެހާ އަވަހަށް ވެކްސިން އެއް އުފެއްދުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވެކްސިން ޖެހުމަށް ޖެހިލުންވާކަން ފާހަގަވެއެވެ. އެކަން 2019 ވަނަ އަހަރު ސިއްހަތު ޖަމްއިއްޔާއިން ވެސް ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން އެ ޖަމްއިއްޔާއިން ވަނީ ވެކްސިން ޖެހުމަށް ޖެހިލުންވާ ބައެއް ފަރާތްތަކުން އުޅޭ ކަމަށް ބުނެ، އެއީ ދުނިޔެއަށް އޮތް ބިރެއް ކަމުގައި ބުނެފައެވެ.

ވެކްސިން ޖެހުމަށް ޖެހިލުންވާ ބައެއް ފަރާތްތަކުން ތިބި ނަމަވެސް، ޔުނިސެފުން ބުނީ ވެކްސިންގެ ސަބަބުން ދުނިޔެއިން ފެންނަ ނުރައްކާތެރި ބަލިތަކުން މީހުން ސަލާމަތްވާ ކަމަށެވެ. އެގޮތުން ފާއިތުވި ދެ ގަރުނުގެ ތެރޭގައި ވެސް ވެކްސިންގެ ސަބަބުން ބަލިތަކުން މީހުން ސަލާމަތްވެފައިވާ ކަން ޔުނިސެފުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި ކޮންމެ މިނެއްޓެއްގައި ވެކްސިންގެ ސަބަބުން ފަސް މީހުންގެ ފުރާނަ ސަލާމަތްވާ ކަމަށް ވެސް ޔުނިސެފުން ވަނީ ފާހަގަ ކޮށްފައެވެ.

މިހާރަނަށް ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބިފައިވާ ބަލި ތަކުގެ ތެރޭގައި ޕޯލިއޯ، ޓެޓަނުސް ނުވަތަ ލޮކްޖޯ، މީސެލްސް، އިންފްލުއެންޒާ (ފްލޫ)، ހެޕަޓައިޓިސް އޭ އަދި ބީ، ރުބެއްލާ، އެޗްއައިބީ، ވޫޕުން ކޯފް، މަމްޕްސް އަދި ޗިކެންޕޮކްސް ހިމެނެއެވެ.