އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގެ މިލްކިއްޔާތުގައި ހުރި 9.5 ބިލިއަން ޑޮލަރުގެ އެސެޓު އެމެރިކާއިން ފްރީޒުކޮށްފިއެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެސެޓުތައް ފްރީޒުކުރުމުގެ އިތުރަށް އެމެރިކާއިން އަފްޣާނުގެ ސެންޓްރަލް ބޭންކަށް ފޯރުކޮށްދެމުން އަންނަ ނަގުދު ފައިސާ ފޯރުކޮށްދިނުން ވެސްވަނީ ހުއްޓާލައިފައެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ އެ ފައިސާ ތާލިބާނުންގެ އަތްމައްޗަށް ދިޔަނުދީ ހިފަހެއްޓުން ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލްދިން މައުލޫމާތުގައި ފާހަގަ ކޮށްފައިވެއެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ޓްރެޝިއަރީ ޑިޕާޓުމެންޓުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ތާލިބާނުންގެ އަތްމައްޗަށް އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގެ ފައިސާގެ ތެރެއިން އެމެރިކާގައި ހުރި އެއްވެސް ފައިސާއެއް ނުދާނެ ކަމަށެވެ.

އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކާއި މިހާރު ހަވާލުވެގެން ހުންނެވި ވެރިޔާ އަޖްމަލް އަހްމަދީ ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކަށް ނަގުދު ފައިސާގެ ގޮތުގައި އެމެރިކާއިން ފޯރުކޮށްދޭ ފައިސާ ހިފަހައްޓާފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބެންކުގެ އެސެޓުގެ ގޮތުގައި 9.5 ބިލިއަން ޑޮލަރު ހުރި ކަމަށާއި، އެ މިހާރު ހުރީ ނިއު ޔޯކް ފެޑެރަލް ރިޒާވް އާއި އެމެރިކާގެ އިންސްޓިޓިއުޝަންގެ އެކައުންޓް ތަކުގައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގެ ގިނަ އެސެޓުތައް މި ވަގުތު ހުރީ އެ ގައުމުން ބޭރުގައިކަމަށް އެކަމުގެ މައުލޫމާތު ލިބިފައިވާ ދެ ފަރާތަކާ ހަވާލާދީ ނަން ހާމަނުކޮށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މިކަމާއި ގުޅިގެން އަލްޖަޒީރާއިން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން އެ ފަރާތުން މިކަމުގައި އެއްޗެއް ހާމަކޮށްފައިނުވާކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަފެލް

    ތި އޮތީ ހިލޭޖެހިފަ... ކޮންމެވެސް މުސްލިމްގަ އުމަކަށް ބޮން އަޅަން
    އެފަ އިސާކޮޅުޚަރަދުކޮށްލާ!!!

  2. ޑިމްކޮރަޓިކްޕާތީޖަގަހައިން

    ތިޔަހެން ނުހެދޭނެ

  3. ކޮރަލް

    ފްރީޒް ޖުރީކީ ނޫނެވެ. ވަގައް ނެގީ އެވެ.

  4. .....

    މިއޮށްހާ ދުވަހު އަފްޣާންގެ ހުރިހާ ފައިސާއެއް ގައުމަށްގެންގޮސްގެން ބަނޑުއެޅިކަމަށް އެއްބަސް ވެވުނީ...