އަފްޣާން ރައްޔިތުން ކާބުލް އެއާޕޯޓަށް ދަތުރުކުރުން ޠާލިބާނުން މަނާކޮށްފި އެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ޠާލިބާނުންގެ އަތްދަށަށް ގޮސްފައިވާތާ ދުވަސްތަކެއް ވެފައިވާއިރު އެ ޖަމާއަތުން ދަނީ އެކި ކަންކަމުގައި ގަވައިދުތައް ހަދައި އަމުރުނެރެމުންނެވެ.

ޠާލިބާނުން ވަނީ އަފްޣާން ރައްޔިތުން މި ދަނޑިވަޅުގައި ބޭރަށް ނުނިކުމެ ގޭގައި ތިބުމަށްވެސް ގޮވާލާފައެވެ. ޠާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާން ދިއުމާއި އެކު އެޤައުމުގައި ތިބި އެކި ޤައުމުތަކުގެ ރައްޔިތުން ދަނީ އެޤައުމުން ބޭރުވުމަށް ކާބުލް އެއާޕޯޓަށް ޖަމާވަމުންނެވެ.

ޠާލިބާނުން ވަނީ އެޤައުމުގައި ތިބި ހުޅަނގުގެ ސިފައިން ގައުމު ދޫކޮށް ދިއުމަށް ވަކި މުހުލަތެއް ދީފަ އެވެ. އެގޮތުން އެ ޖަމާއަތުން ބުނީ މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ޤައުމުން ބޭރުވުމަށް އަންގާފަ އެވެ.

ޠާލިބާނުންގެ ތަރުޖަމާނު ޒަބިހުالله މުޖާހިދް ބުނީ އެ އަފްޣާނިސްތާނުގައި ތިބި ބޭރުގެ ސިފައިން އެ ޤައުމުން ބޭރުވުމަށް އިތުރު މުއްދަތެއް ނުދޭނޭ ކަމަށެވެ.

އަފްޣާނިސްތާންގައި ތިބި ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އެގައުމުތަކުގެ އަސްކަރީ މަތިންދާބޯޓުތައް ކާބުލްގެ އެއާޕޯޓަށް މިހާރު ވެސް ދަތުރު ކުރަމުން އެބަގެންދެއެވެ. އެމަތިންދާބޯޓުތަކުގައި ކޮންމެވެސް ވަރަކަށް އަފްޣާނިސްތާންގެ ރައްޔިތުންނަށް ވެސް ގައުމުން ބޭރަށް ދިއުމުގެ ފުރުސަތު ދެއެވެ. ނަމަވެސް ޠާލިބާނުން މިހާރު ނިންމާފައި ވަނީ އެއާޕޯޓަށް ދާން އޮންނަ މަގުން ހަމައެކަނި ދަތުރު ކުރެވޭނީ އެހެން ގައުމުތަކުގެ މީހުންނަށް ކަމަށެވެ.

ވަކި މުހުލަތެއްދީ ބޭރު ޤައުމުތަކުގެ ރައްޔިތުން އަފްޣާނިސްތާނުން ބޭރުވުމަށް ޠާލިބާނުން ގޮވާލާފައިވާއިރު އެ މުއްދަތު އިތުރުކުރުމަށް އެމެރިކާއަށް ބައެއް ޤައުމުތަކުން ދަނީ ބާރުއަޅަމުންނެވެ. އެމެރިކާއަށް ބާރުއަޅަމުންދާ ޤައުމުތަކުގެ ތެރޭގައި ފްރާންސް، ޔޫކޭ، ޖާމަނީ އަދި ސްޕެއިން ހިމެނެއެވެ.