އަފްޣާނިސްތާނުގެ ހެރާތް ޕްރޮވިންސުގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ހިންގާ ޔުނިވާސިޓީތަކުގައި ދެޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން މަނާ ކުރަން ތާލިބާނުން ނިންމައިފިއެވެ.

އަފްޣާނިސްތާނުގެ ޙާމާ ޕްރެސްއިން މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓު ކޮށްފައިވާގޮތުން ހެރާޓް ޕްރޮވިންސްގެ ޔުނިވާސިޓީތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިވާގޮތަށް ކިޔަވައިނުދެވޭނެކަމަށް ތާލިބާނުން ވަނީ އަންގާފައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ހެރާތް ޕްރޮވިންސްގައި ދެ ޖިންސު އެއްކޮށް ކިޔަވާދިނުން ހުއްޓުމަކަށް ގެނައުމަށް ނިންމީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ކަމަށެވެ.

ތާލިބާނުން މި އުސޫލު ކަނޑައެޅުމާއެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ ސަރުކާރުގެ ޔުނިވާސިޓީތަކުގައި މި އުސޫލަށް ތަބާވީކަމުގައި ވިޔަސް ޕްރައިވެޓް ތަންތަނުގައި އެ އުސޫލުގެ ދަށުން ކްލާސްތައް ނެގުމަކީ އުނދަގޫ ކަމަކަށް ވެގެންދާނެ ކަމަށެވެ. ދަރިވަރުންނަށް ބެލިކަމުގައި ވިޔަސް ޕްރައިވެޓް ސުކޫލުތަކުގައި އަންހެން ކުދިން މަދުވާނެކަން އެ ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.

ޔުނިވާސިޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި ތާލިބާނުންގެ ފަރާތުން ވާހަކަ ދެއްކެވި މުއްލާ ފާރިދް ވިދާޅުވީ ދެޖިންސު މަސްހުނިކޮށްގެން ކިޔަވައިދިނުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. މިގޮތަށް އެކަން ކުރަން ޖެހެނީ އޭގެ ސަބަބުން ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްކޮށް، ދަރިވަރުން ފަސާދައިގެ މަގު އިހްތިޔާރު ކުރުމުގެ ފުރުސަތު ބޮޑުވުމުން ކަމަށެވެ.

އަންހެން، ފިރިހެން ވަކިކޮށްގެން ކުލާސްތައް ނަގަން ތާލިބާނުން އަންގާފައިވާއިރު، ކިޔަވައިދޭ ޓީޗަރުންނަށް ވެސް ހަމަ މި އުސޫލަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން އަންހެން ޓީޗަރުންނަށް ކިޔަވައިދެވޭނީ ހަމަ އެކަނި އަންހެން ދަރިވަރުންނަށް ކަމަށާއި، ފިރިހެން ޓީޗަރުންނަށް ކިޔަވައިދެވޭނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށް ކަމަށް ތާލިބާނުންގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.