ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހާށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަގާމުން ވަކި ކުރިއަށް ބަލި ގަބޫލު ނުކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ވިދާޅުވީ، ކޮންމެ ފަދަ އަގެއް ދައްކަން ޖެހުނަސް ބަލި ގަބޫލު ނުކުރައްވާނެ ކަމަށެވެ. "އަހަރެން ކުރިން ވެސް ބަލި ގަބޫލެއް ނުކުރަން. މިފަހަރު ވެސް ނުކުރާނަން" އިމްރާން ވިދާޅުވިއެވެ.

"އަހަރެން ހުވާ ކޮށްފަ ބުނަން ޕާކިސްތާނަށް ގެއްލުމެއް ނުދޭނަން. އަހަރެން އެކަނި ހުންނަން ޖެހުނަސް ގައުމަށްޓަކައި ހަނގުރާމަ ކުރާނަން" އިމްރާން ވިދާޅުވިއެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ މިއަދު ހެނދުނު 10:30 ގައި އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓެއް ނަގަން އަމުރު ކޮށްފައެވެ. ނަމަވެސް މިއަދު މެންދުރު ފެށި މަޖިލިސްގެ ޖަލްސާގައި އަދިވެސް ވޯޓަކާ ހަމައަށް ނުދެއެވެ.

އެގައުމުގެ ސަރުކާރުން އަންގައިގެން މަޖިލިސްގެ ޖަލްސާ ތިން ވަނަ ފަހަރަށް މެދު ކަނޑާލާފައިވާއިރު، ވޯޓު ނަގަން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް އެންމެ ފަހުން މީޑިއާތަކުން ބުނީ، އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓު މިރޭ ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް 199 މެމްބަރުން ވޯޓު ދޭނެ ކަމަށް ބެލެވޭއިރު، 142 މެމްބަރުން އިތުބާރު އޮތް ކަމަށް ވޯޓު ދޭނެ ކަމަށް ބެލެވެއެވެ. އިމްރާން ޚާން އާއި ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ތެރޭގައި އިމްރާން ޚާންގެ ޕާޓީގެ 12 މެމްބަރަކާއި ސަރުކާރު ކޯލިޝަންގެ ބައެއް ޕާޓީތައް ވެސް ހިމެނެއެވެ.