ޕާކިސްތާނުގައި ފެން ބޮޑުވި ސަރަހައްދުތަކަށް ޕާކިސްތާން އެސޯސިއޭޝަން ދުބާއީ (ޕީއޭޑީ) އިން 300 ޓަނުގެ އެހީ ފޮނުވައިފިއެވެ.

ފާއިތުވީ މަސްތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް އެހީތެރިވުމުގެ ގޮތުން ޕާކިސްތާނުގެ އެކި ސިޓީތަކުގައި 7.7 މިލިއަން ރުފިޔާގެ އެހީގެ ހަތް ކޮންޓެއިނަރު ވަނީ ބަހައިފައެވެ.

ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެ އެސޯސިއޭޝަނުން ވަނީ ދާރުލް ބަރ ސޮސައިޓީ އާއި ޑިޕާޓްމަންޓް އޮފް އިސްލާމިކް އެފެއާޒް އެންޑް ޗެރިޓަބަލް އެކްޓިވިޓީސް އާއި ގުޅިގެން ފެން ބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހަދިޔާ ހޯދުމަށް ހަރަކާތެއް ފަށައިފައެވެ.

"ވީ ސްޓޭންޑް ޓުގެދަރ" މި ޝިއާރުގެ ދަށުން ޕާކިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް މުޖުތަމައު އެއްބައިވަންތަ ކުރުމުގެ މަސައްކަތްވެސް އެ އެސޯސިއޭޝަނުން ދަނީ ކުރަމުންނެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް އަރާފައިވާއިރު 13،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ސީދާ ގޮތުން އަސަރުކޮށްފައިވާއިރު، އޭގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ވަގުތީ ހިޔާތަކަށް ދިރިއުޅެން މަޖުބޫރުވެފައެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 1.1 މިލިއަނަށްވުރެ ގިނަ ޖަނަވާރު ވަނީ މަރުވެފައެވެ.

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެންމެ ބޮޑު އެހީއެއް ވެދޭ ގައުމަކީ ޔޫއޭއީ އާއި އަވަށްޓެރި ގަލްފުގެ ގައުމުތަކެވެ. ޔޫއޭއީއަކީ ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް އެންމެ ގިނައިން އެހީ ސަޕްލައިކުރާ ގައުމެވެ.