ދުބާއީގެ މީހުން ދިރިއުޅޭ އިމާރާތެއްގައި އަލިފާން ރޯވެ، ގިނަ އަދަދެއްގެ ބަޔަކު އިއްޔެ މަރުވެއްޖެއެވެ.

މި ހާދިސާގައި 16 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގީ ދުބާއީގެ އަލްރާސް އަވަށުގެ މީހުން ދިރިއުޅޭ އިމާރާތެއްގެ ހަތަރު ވަނަ ފަންގިފިލާގައެވެ.

ދުބާއީގެ ސިވިލް ފޯސްއިން ބުނާ ގޮތުން މިހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގައި އަލިފާން ނިއްވާ ސާމާނު މަދުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުޑަ ވުމުންނެވެ.

އެ ސަރަހައްދުން އަދިވެސް ދުމުގެ އަސަރު ނުކެޑޭ ކަމަށްވެއެވެ.

މިހާދިސާގައި މަރުވި މީހުންނަކީ ކޮން ގައުމުތަކަށް ނިސްބަތްވާ މީހުން ކަމެއް ހާމަކޮށްފައި ނުވެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.

ދުބާއީއަކީ 3.3 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސިޓީއެކެވެ. އޭގެތެރޭގައި 90 އިންސައްތަ މީހުންނަކީ އެހެން ގައުމުތަކުން ދުބާއީއަށް ހިޖުރަކުރާ މީހުންނެވެ.

މިއިމާރާތަކީ 2017 ވަނަ އަހަރުވެސް ސަމާލުކަމަށް އައިސްފައިވާ އިމާރާތެކެވެ. އެގޮތުން އިމާރާތުގައި އެއްވެސް ސަލާމަތްތެރިކަމެއް ނެތް ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް މަދުކަމަށް ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާން އަޅަންޖެހޭ ފިޔަވަޅުތައް ކުޑަ ކަމުގައި ރިޕޯޓްތަކުގައި ބުނެފައިވެއެވެ.