ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާއިން ރޮކެޓް ހަމަލާތަކެއް ދީފައިވަނީ އިސްރާއީލުގެ ދެކުނާއި މެދުތެރޭގައި ބައެއް ސަރަހައްދުތަކަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ހަމަލާގެ އިތުރުން ބަރުހަތިޔާރު ހިފައިގެން ދިޔަ ޣައްޒާގެ ބަޔަކު އިސްރާއީލްގެ ބައެއް އަވަށުތަކަށް ވަދެ ފުލުހުންނާއި ކުރިމަތިލާފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މި ކުރިމަތިލުންތަކުގައި އެކަކު މަރުވެ، 15 މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ވެފައެވެ.

ޣައްޒާއިން ދިން ރޮކެތް ހަމަލާގައި އިސްރާއީލުގެ ބޮޑު ބައެއް ސުންނާފަތިވި ނަމަވެސް ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި އެނގިފައެއް ނުވެއެވެ. ރިޕޯޓްތަކުން ބުނާ ގޮތުން ޣައްޒާއިން ވަނީ އިސްރާއީލަށް 100 އެއްހާ ރޮކެޓް ހަމަލާ ދީފައެވެ.

މިހަލާއާއި ގުޅިގެން އިސްރާއީލުގެ ޑިފެންސްއިން ބުނެފައިވަނީ އެކަމުގެ ބަދަލު ހިފުމުގެ ކަންކަން ރާވަމުން އަންނަ ކަމަށެވެ.