ފަލަސްތީނުގެ ޣައްޒާއަށް ވަދެ އުޅުނު ނިރުބަވެރި އިސްރާއީލް ސިފައިންގެ އިތުރު މީހަކު މަރާލައިފިއެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަ ކުރި ގޮތުގައި ޣައްޒާގެ އުތުރުގެ ސަރަހައްދެއްގައި ހަމާސް ޖަމާއަތުގެ މުޖާހިދުންނާއި ހިނގި ކުރިމަތިލުމެއްގައި މަރުވެފައިވަނީ 7007 ވަނަ އިންފެންޓަރީ ބެޓަލިއަންގެ ސިފައިންގެ މީހަކު ކަމަށެވެ.

މިއާއި އެކީ ޣައްޒާގެ އެތެރެއަށް ވަދެ ހަމަލާތައް ދޭން ފެށި ފަހުން މަރުވި މީހުންގެ އަދަދު 17 އަށް އަރާފައިވާ ކަމަށް ވެސް އިސްރާއީލުން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު، ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކަށް ބަދަލު ހިފުމަށް އިސްރާއީލުން ދަނީ ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އަޅަމުންނެވެ. އަދި އެމީހުން ޣައްޒާގައި ކުރާ ހަނގުރާމަ އިތުރަށް ފުޅާ ކުރީ، 20 ދުވަސް ވަންދެން ވައިގެ މަގުން ހަމަލާ ދިނުމަށް ފަހުގައެވެ. އިސްރާއީލް ސިފައިންގެ ގިނަ ޓޭންކުތަކާއި އެހެނިހެން އުޅަނދުތައް މިހާރު އޮތީ ޣައްޒާގެ އުތުރު ސަރަހައްދުގައެވެ.

ފަލަސްތީނުގެ މުޖާހިދުން ދަނީ ޣައްޒާގެ އެކި ހިސާބުތަކުގައި އެމީހުންނާ ކުރިމަތިލަމުންނެެވެ.