ޖަރުމަނުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ ރެފިއުޖީއަކުު ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާތީ އޭނާއަށް ލިބޭ ރެފިއުޖީގެ ހައްގުތައް ޖަރުމަނުން ނިގުޅައިގެންފިއެވެ.

ޒައިދު އަބްދުއް ނަސީރަކީ އިސްރާއިލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ސަމިދޫންގައި ހަރަކާތްތެރިވާ މީހެކެވެ. އެހެންވެ ޖަރުމަނުން ވަނީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ކަނޑައަޅައިފައެވެ.

އަދި ޖަރުމަނުގެ ފެޑަރަލް އޮފީސް ފޯ މައިގްރޭޝަން އެންޑް އިމިގްރޭޝަނުން ވަނީ ޒައިދަށް ދެމުން ދިޔަ ރެފިއުޖީއެއްގެ ހައްގުތައް ނިގުޅައިގެންފައެވެ.

ޒައިދުގެ ވަކީލު ބުނީ ރެފިއުޖީއެއްގެ ހައިސިއްޔަތު ނިގުޅައިގަތުމުން ޒައިދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން އޭނާއަށް ކުރިއަށް އޮތް ތަނުގައި ވޯކްޕާމިޓެއް ވެސް ނުލިބިދާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ޑީޕޯޓް ނުކުރާނެ ކަމަށާއި ނަމަވެސް އޭނާ ޖަލެއް ކަހަލަ ޑިޓެންޝަން ސެންޓަރެއްގައި ބަހައްޓަފާނެ ކަމަށް ވަކީލު ވަނީ ބުނެފައެވެ.

ޒައިދަކީ ޖަރުމަނަށް ދިޔަ ފަހުން އެ ގައުމުގައި ކިޔަވައި ޑިގްރީ ވެސް ހާސިލްކޮށްފައިވާ މީހެކެވެ. އަދި އޭނާ ވަނީ އެކެޑެމިކް ޕޭޕާއެއްވެސް ޕަބްލިޝްކޮށްފައެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދަނީ އިލެކްޓްރިކަލް އިންޖިނިއަރެއްގެ ގޮތުގައެވެ.

މިއީ އެފަދަ މައްސަލައެއް ދިމާވި ފުރަތަމަ ފަަހަރެއް ނޫނެވެ. އަދި ފަލަސްތީނު ދަރިކޮޅުގެ އެތައް ބަޔަކު ތިބެނީ ޑީޕޯޓްކޮށްފާނެ ކަމުގެ ބިރުގައެވެ.

ޖަރުމަނަކީ އިސްރާއިލަށް ވަރަށް ބޮޑަށް ތާއިދުކުރާ ގައުމެކެވެ. އަދި މިހާރު ހިނގަމުންދާ ޣައްޒާ ހަނގުރާމައިގައި ވެސް ފާޅުގައި ޖަރުމަނުން ދަނީ އިސްރާއިލަށް ތާއިދުކުރަމުންނެވެ.