މިހާރު ހިނގަމުންދާ ޣައްޒާ-އިސްރާއިލް ހަނގުރާމައާ ގުޅިގެން ގިނަ އެއާލައިންތަކުން އިސްރާއިލަށް ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

އެގޮތުން އެންމެ ފަހުން ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލީ އެމެރިކާގެ ޑެލްޓާ އެއާލައިން އިންއެވެ.

ޑެލްޓާއިން ބުނީ އިސްރާއިލަށް ކުރާ ހުރިހަ ދަތުރުތަކެއް މި މަހުގެ 15އާ ހަމައަށް މިހާރު މެދުކަނޑާލައިފައިވާ ކަމަށެވެ. ހަމަ އެހެންމެ އެމެރިކަން އެއާލައިންއިން ވެސް ވަނީ ޑިސެމްބަރު 15 އާ ހަމައަށް ފްލައިޓްތައް އިސްރާއިލަށް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ދެން ފްލައިޓްތައް މެދުކަނޑާލި އެއާލައިންތަކުގެ ތެރޭގައި ޔުނައިޓެޑް އެއާލައިންވެސް ހިމެނެ އެވެ.

އިސްރާއިލާއި ޣައްޒާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ފެށުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުއެވެ. ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ބަޔަކު ހަނގުރާމައިގައި ޝަހީދުވަމުންދާއިރު ރެކޯޑް ކުރެވިފައި ވަނީ 8000 އަށް ވުރެ ގިނަ މީހަކު ޝަހީދުވެފައިވާ ކަމަށެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ނަމަވެސް އެތައް ބަޔަކު އަދިވެސް އިމާރާަތްތަކުގެ ދަށުގައި ތާށިވެފައި އޮތުމުން މަރުވި މީހުންގެ އަދަދު އެތައް ހާހެއް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެވަރުންވެސް ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ހުދު އިސްރާއިލުން ހަނގުރާމަ ނުހުއްޓާނެ ކަމަށް ފާޅުގައި ދަނީ ބުނަމުންނެވެ. އަދި އެތައް މަހަކަށް ހަނގުރާމަ ދެމިގެންދާނެ ކަމަށް އިސްރާއިލުގެ ރައްޔިތުންނަށް ވެސް މިހާރު ވަނީ އަންގައިފައެވެ.

ހަނގުރާމައިގައި މީހުން ޝަހީދުވާ މިންވަރު އިތުރުވަމުންދާ އިރު ޔަމަނުގެ ހޫތީންވެސް ވަނީ އިސްރާއިލާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އެހެންވެ ހޫތީންވެސް ދަނީ އިސްރާއިލަށް ބެލިސްޓިކް މިސަައިލާއި ޑްރޯން ހަމަލާތައް ދެމުންނެެވެ.

އެހެންވެ އިސްރާއިލަށް ދަތުރުކުރާ ފްލައިޓްރަކުގެ ރައްކާތެރިކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.