ޣައްޒާގެ ކުށެއް ނެތް އެތަކެއް ބަޔަކަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން ފެށުނު ހަނގުރާމައިގައި އަމިއްލައަށް ދިފާއުވުމުގެ ހައްގެއް އިސްރާއީލަކަށް ނޯންނާނެ ކަމަށް ރަޝިއާއިން ގޮވާލައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރަޝިއާއިން އދ. އަށް ކަނޑައަޅާފައިވާ ސަފީރު، ވެސިލީ ނެބެންޔާ ބުނެފައިވަނީ އިސްރާއީލުން ހަނގުރާމަ ކުރަމުން އަންނަ އެމީހުން ހިފާފައިވާ ބިމެއް ކަމަށާއި ހަނގުރާމަ ކުރަމުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ކަމަށެވެ. އެހެން ކަމުން އިސްރާއީލަށް އަމިއްލައަށް ދިފާއުވުމުގެ ހައްގެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވަނީ ގޮވާލާފައެވެ.

އޭނާ ވަނީ މިހަނގުރާމައިގައި ބާރުގެ ބޭނުން ކުރާ ފަރާތްތަކާއި ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައި، އެކަމުގެ ތަހުގީގަށް ހާއްސަ ކޮމިޝަނެއް އުފެއްދުމަށް ވެސް ގޮވާލާފައެވެ.

"އެތައް އަހަރެއް ވަންްދެން ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅެއްގެ ގޮތުން ދަތި ކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލަން." އޭނާ ގޮވާލިއެވެ.

މިއަދު ޣައްޒާއިން ފެނިގެންދާ މަންޒަރުތަކުގެ ވާހަކަ ދެއްކި ނަމަވެސް، އެއީ އަމިއްލައަށް ދިފާއުވުން ކަމަށް އިސްރާއީލުން ބުނެ، އެކަމުގައި ދިއްކުރަނީ ބީރު ކަންފަތެއް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އިތުރަށް އޭނާ ބުނީ، އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހައްގު ލިބިގެންވާކަން ރަޝިއާއިން ގަބޫލު ކުރާ ކަމަށާއި ނަމަވެސް އެކަން ކަށަވަރު ކުރެވޭނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ހޯދައިދީގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިޔުމަންރައިޓްސް ހޯކްސް

    ވީ ސަޕޯރޓް ރަޝިޔާ!

    އެމެރިކާ މީހުން ޢަރަބި ޤައުމުތަކުންބާލައިގެން ނޫނީ ޞުލްޙައެއްވެސް އަދި އުއްމަތުގައި އެކަޗެއްވެސް ނުކިޔޭނެ. އެމީޙުން ދުނިޔެ ޚަރާބުކޮށްފި! ޣައިރު ޤާނޫނީ ދަޢުލަތެއްގެ ނަންލިބިގަނެގެންއުޅޭ ޒަޔަނިސްޓް ބައިވަރަކަށް ހިތްވަރުދީގެން ކިތައް ކިތައް ކުދިން ކިތައް މައިން މަރާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ކުަރަމުން އެދަނީ! ދުނިޔެއަށް އިންސާނީ ޙައްޤުތައް ކިޔައިދީ ފިލާވަޅުނަގަން އަންނާނެ އިރުކޮޅަކުން.

    15