ނިރުބަވެރި އިސްރާއީލުން ޣައްޒާގެ 14 ހޮސްޕިޓަލަކަށް ހަމަލާދީ، 35 ޑޮކްޓަރަކު ރަހީނުކޮށްފިއެވެ.

ޣައްޒާގައި ހިންގަމުން އަންނަ ސަރުކާރު މީޑިއާއާއި ހަވާލާދީ، އެހެން ނޫސްތަކުން ބުނެފައިވަނީ ނިރުބަވެރިން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކުރުމަށްފަހު، ޣައްޒާގެ އިތުރު 14 ހޮސްޕިޓަލަކަށް ބޮމުގެ ހަމަލާތަކާއި އެއްގަމު މަގުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ކޮށްފައިވާ ކަމަށެވެ.

މި 14 ހޮސްޕިޓަލަށް ހަމަލާދިނުމުގެ އިތުރުން ވެސް 35 ޑޮކްޓަރަކު ރަހީނުކޮށް، އިތުރު މީހުން ޝަހީދު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނިރުބަވެރިންނާއި މުޖާހިދުންނާއި ދެމެދު މިދިޔަ މަހުގެ 24 ވަނަ ދުވަހު އެކުލަވާލި އާންމުން މިނިވަންކޮށް، ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލާ އެއްބަސްވުން މިދިޔަ ހަފްތާގެ ހުކުރު ދުވަހަށް ހަމަވުމާއި އެކީ ނިރުބަވެރިން އަންނަނީ މަޖާހިދުންނާއި ދެކޮޅަށް ދެމުންދިޔަ ހަނގުރާމަ ވަރުގަދަ ކުރުމަށްފަހު، އަލުން ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭ ޣައްޒާގެ 700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، އާންމުންގެ ގިނަ ބަޔަކު ދިރިއުޅޭ ގެތައް ސުންނާފަތިކޮށް، ޣައްޒާގެ ދެކުނުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް އެސަރަހައްދު ހުސްކުރުމަށް ބުނެ ވަނީ އިންޒާރު ދީފައެވެ.

މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 15،000 އަށްވުރެ މަތީގައި އުޅޭ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.